އާސެނަލް

މެސްކޮޓް ތަމްސީލު ކުރާ މީހާއަށް އޮޒިލް މުސާރަ ދެނީ

އާސެނަލްގެ މެސްކޮޓް ތަމްސީލް ކުރާ، ޖެރީ ކައިއަށް މުސާރަ ދޭން އެ ޓީމުގެ މިޑްފީލްޑާ މެސްޓް އޮޒިލް ހުށަހަޅައިފި އެވެ.

ގަނަސޯރަސްގެ ނަމުން ނަން ދީފައިވާ އާސެނަލްގެ މެސްކޮޓް ތަމްސީލު ކުރުމުގައި ކައި ވަނީ 27 އަހަރު ހޭދަ ކޮށްފަ އެވެ. އާސެނަލްގެ ކުރީގެ ސްޓޭޑިއަމް ހައިބަރީ އިން ފެށިގެން އެމިރޭޓްސްއާ ހަމައަށް ގަނަސޯރަސް ތަމްސީލު ކުރުމުގެ މަސައްކަތަށް ކައި ދިޔައީ އާސެނަލްގެ އެހެން ވަޒީފާތައް ވެސް ފުރިހަމަ ކުރަމުންނެވެ.

ކޮވިޑް-19 ގެ ހާލަތުގައި ކުރިމަތިވި މާލީ ތަދުމަޑުކަމުގެ ތެރެއިން އޭނާގެ މުސާރަ ވެސް ދަށް ކުރުމުން، އޮޒިލް ވަނީ ކައިއަށް ހަމަ މުސާރަ ދިނުމަށް ހުށަހަޅާފަ އެވެ. ކައިގެ މުސާރަ ދަށް ކުރުމަށް އާސެނަލްއިން ހުށަހެޅީ އެތުލެޓިކޯ މެޑްރިޑުން އާސެނަލްއަށް ބަދަލުވި ތޯމަސް ޕާޓޭގެ ޓްރާންސްފާއަށް 45 މިލިއަން ޔޫރޯ ހޭދަ ކުރިތާ އެއް ދުވަސް ފަހުންނެވެ.

އާސެނަލްއަށް ޕާޓޭ ބަދަލުވީ، މުސާރައިގެ ގޮތުގައި ހަމަފުތާއަކު 230،000 ޕައުންޑަށެވެ. މިކަލް އާޓެޓާގެ ޓީމުން ފުރުސަތު ހޯދުމުގައި މިހާރު އުނދަގޫ ކުރިމަތިވެފައިވާ އޮޒިލްއަށް ހަފުތާއަކު 350،000 ޕައުންޑް އާސެނަލްއިން ދެ އެވެ.

އޯގަސްޓް މަހު އާސެނަލްއިން އިއުލާން ކުރީ އެ ޓީމުގެ ފުލް ޓައިމް މުވައްޒަފުންގެ މުސާރައިގެ 55 ޕަސަންޓް އުނި ކުރުމަށެވެ.