ބާސެލޯނާ

ކޫމަންގެ ގޭމް: މެސީއަށް ބަރޯސާ ނުވުން

އެފްސީ ބާސެލޯނާގައި އޮތް މެސީއަށް ބަރޯސާ ވުމުގެ ސަގާފަތް ޓީމުގެ ކޯޗް ކަމާ ރޮނަލްޑް ކޫމަން ދޫކޮށްލައިފި އެވެ.

ކޫމަން ހަވާލުވެ، ބާސާ ކުޅުނު ރަސްމީ ތިން މެޗުގައިވެސް ފާހަގަވެގެން ދިޔަ އެންމެ ބޮޑު ތަފާތަކީ އެއީ އެވެ. ކުރިގެ ދެ ކޯޗުން ކަމަށްވާ އެރުނަސްޓޭ ވަލްވެރުޑޭ އާއި ކީކޭ ސެޓިއެންގެ ދައުރުގައި މެސީއަށް ބަރާސޯވުން ކުޑަ ކުރަން މަސައްކަތް ކުރި ނަމަވެސް ދާއީމީ ގޮތެއްގައި އެކަމެއް ހައްލެއް ހޯދިފަ އެއް ނުވެ އެވެ.

ސީޒަން ފެށުމުގެ ކުރިން ކުޅުނު އެކުވެރި ކަމުގެ މެޗުތަކާއި ލަލީގާގައި ކުޅުނު ތިން މެޗުގައިވެސް ކޫމަންގެ ޕްލޭންގައި މެސީއަށް ދީފައި ވަނީ ފްރީ ރޯލެކެވެ. ޓީމުގެ ހަމަލާތަކުގައި އެންމެ ބޮޑަށް ފެނުނީ ޒުވާން ފޯވަޑް އަންސޫމާނަ ފާޓީ އާއި ލޯނެއްގެ ދަށުން ބަޔާން މިޔުނިކްގައި އެއް އަހަރު ހޭދަ ކޮށްފައި އެނބުރި އައި ފިލިޕޭ ކުޓީނިއޯ އެވެ.

މިދިޔަ ހަތް އަހަރު ޓީމުގެ ސްޓާ ސްޓައިކަރެއްގެ ގޮތުގައި ހުރި ލުއިސް ސުއަރޭޒް ދޫކޮށްލިނަމަވެސް އެ މަގާމު ފޫބެއްދުމަށް ބާސާއަށް ކުޅުންތެރިޔަކު ނުގެނެވުނެވެ. ކޫމަން ގެންނަން ބޭނުންވި ކުޅުންތެރިޔަކީ ހޮލެންޑްގެ ގައުމީ ޓީމުގައި އޭނާ ކޯޗް ކޮށްދިން މެންފިސް ޑީޕޭ އެވެ. އޮލިމްޕިކް ލިޔޯން އަށް މިހާރު ކުޅެމުންދާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ގެންދިއުމަށް ބާސާއިން މަސައްކަތް ކުރިނަމަވެސް ޓްރާންސްފާ ޕީރިއަޑް ނިމިގެން ދިޔައީ އެކަން ކާމިޔާބު ނުވެ އެވެ.

ލަލީގާގާއ ކުޅުނު ތިން މެޗުގައިވެސް، ސެންޓަރަލް ފޯވަޑްގެ ރޯލް ދިނީ މެސީ އަށެވެ. ދެން ވިންގުން ފާޓީ އާއި އެންޓްއާން ގްރިޒްމަން އަށެވެ. ކުޓީނިއޯގެ ދައުރަކީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލެވެ. ކުޅުނު ތިން މެޗުގައިވެސް ވަކި ހިސާބަކުން އޭނާ ބާލުވަ އެވެ. ބަދަލުގައި އަރުވަނީ ޒުވާން ފޯވަޑް ޓްރިކާއޯ ނުވަތަ ރޮނަލްޑް އަރޯޔޯ އެވެ.

މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ކުޅުނު މެޗުތަކުގައި ފެންނަ އެންމެ ބޮޑު މައްސަލައަކީ މެސީއަށް ބޯޅަ ނުދެވިއްޖެނަމަ އެކީ އެޓޭކު ހުއްޓިގެންދާ ތަނެވެ. އެހެންނަމަވެސް ކޫމަން މެސީއަށް ދީފައިވާ އާ ރޯލްގެ ސަބަބުން ވިންގުން ހަމަލާ އުފެއްދުމުގައި ފާޓީ އާއި ގްރީޒްމަން އަދި ކުޓީނިއޯގެ ދައުރު މާބޮޑެވެ.

ސީޒަން ފެށުމުގެ ކުރިން ކޫމަން ބުނެފައި ވަނީ، އޭނާ ޓީމުގެ ބިނާ ކުރާނީ މެސީގެ ވަށައިގެން ކަމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައިވެސް މެސީގެ ފަރާތުން ގިނަ ކަންކަމެއް އެ ކުޅުންތެރިންނަށް އެނގިގެންދާނެހެން ފުރުސަތު ދޭނެ ކަމަށެވެ.