ރައީސް މުހައްމަދު ނަޝީދު

"އިންޑިއާ ސިފައިން ތިބެގެން ދިވެހިން ކަންބޮޑެއްނުވޭ"

އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހިންގެ ކަންބޮޑުވުމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގައި ގިނަ ދިވެހިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެނީ އެ ގައުމުގެ ސިފައިން އުދުއްސާ ގޮތަށް ރާއްޖެއަށް "ހަދިޔާ" ކޮށްފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމް ކޮށްފައިވާ 10 ރާޑަރު ސިސްޓަމްގެ އެކި މަސައްކަތްތަކަށެވެ. ރާއްޖެ-އިންޑިއާ ގުޅުން އެހެން ލެވެލްއަކަށް ގޮސްފައިވާ ކަމަށް ބުނެ އާންމުން ގެންދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ހިންގަމުންނެވެ. އެ ކެންޕެއިނަށް އިދިކޮޅު ދެ ޕާޓީން ތާއީދު ކުރެ އެވެ.

އެ ކެންޕެއިނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެއީ ޖުމްލަކޮށް ދަންނަވާނަމަ ދިވެހިން ބައިވެރި ވެގެން ހިނގާ ކެންޕެއިނެއް ނޫން ކަމަށެވެ. އެ ކެންޕެއިން އެމަނިކުފާނަށް ގުޅެވެނީ ހަމައެކަނި ހަރުކަށި ފިކުރުގެ މީހުންނާ ކަމަށާ އިންޑިއާ އައުޓްގެ ނަމުގައި ޓްވީޓްކުރާ ގިނަ މީހުންނަކީ އެކަމަށް ވަކި އެކައުންޓްތަކެއް ހަދައިގެން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި އެ ހަރަކާތުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރިވާނެ ކަަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ.

"އެއީ އެއް އެއްވެސް ހާލެއްގައި ދިވެހިން ޖުމްލަކޮށް ބޮޑު ގޮތެއްގައި އޭގެ ތެރޭގައި ބައިވެރިވެގެން ހިނގާ މަސައްކަތެއް ގޮތުގައި އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ވަރަށް ހިތާމަ ކުރަން ކަމެއް އެއީ، މި މަސައްކަތަކީ ހަރުކަށި ޖަމާއަތްތަކުން ހިންގަމުން ގެންދާ މަސައްކަތެއް. އެ މަސައްކަތުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވަދެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އަޅުގަނޑު ނުދެކެން އެ މަސައްކަތުގެ ތެރެއަށް، ހަމަކަށަވަރުން ވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކަކުން ނުވަންނާނެ،"

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިސްތިގްލާލު ގެއްލޭ ކަންކަމަށް އެއްވެސް ޕާޓީއަކުން ތާއީދު ކޮށްގެން ނުވާނެ ކަމަށެވެ. އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ ރާއްޖެ، އެހެން ގައުމުތަކާއި އެކަހެރިކޮށްލުން، ބައިނަލްއަގްވާމީ އާއިލާއިން ރާއްޖެ ނެރެލުމަށް ހިންގަމުންދާ ހަރަކާތެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި އިންޑިއާ އައުޓްވެފައި އަނެއް މީހުން އައުޓްވެފައި އަނެއް ގައުމު އައުޓް ވީމާ ދިވެހިން ބައިނަލްއަގްވާމީ އާއިލާއިން ބާކީ ވެގެން ދަނީ،" އަބަދުވެސް އިންޑިއާގެ ދިފާއުގައި ވާހަކަަ ދައްކަވާ ރަައީސް ނަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި އިންޑިއާ އައުޓްވެފައި އަނެއް މީހުން އައުޓްވެފައި އަނެއް ގައުމު އައުޓްވީމާ ދިވެހިން ބައިނަލްއަގްވާމީ އާއިލާއިން ބާކީ ވެގެން ދަނީ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މިިދިޔަ ދުވަސްތަކުގައި އައިއެސްއާ ގުޅިގެން ދިވެހިންގެ 250 ޒުވާނުން ހަނގުރާމަ ކޮށްފައިވާ ކަމަށާ އިންޑިއާ ދެކޮޅު ކެންޕެއިން ކުރަނީ ވެސް އެފަދަ ޒުވާނުންތަކެއް ކަަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހޯދުމަށް ނޫސްވެރިއަކު ވަނީ ހުށައަޅާފަ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައިނުވާތީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެ އޮފީހުން ވަނީ އާންމު އަޑުއެހުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަ ކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތު ކަމަށް ބުނެ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވެ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުން ރާއްޖެ-އިންޑިއާ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަށެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ދިވެހިންނަށް އެނގެން ޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ ހުރިހާ މައުލޫމާތެއް އެނގެން ކަމަށެވެ. ނަމަވެސް ގައުމެއްގައި ތިބީ ބޭރުގެ އެހެން ގައުމުތަކުގެ ކިހާ ބައެއްކަން އެއްވެސް ގައުމަށް އެނގޭތޯ ނަޝީދު ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ޖަޕާނާއި ޖަރުމަން މިިނިވަންތޯ ސުވާލު ކުރެއްވާ އެ ގައުމުތަކުގައި ވެސް ބޭރު ގައުމުތަކުގެ ސިފައިން ތިބޭ ކަމަަށް ވިދާޅުވި އެވެ.

"އެއްވެސް ގައުމަކަށް އެބަ އެނގޭތޯ އަނެއް ގައުމެއްގައި ތިބެނީ އެ ގައުމުގެ ކޮން ބައެއްކަން،" ނަޝީދު ސުވާލު ކުރެއްވި އެވެ.