ޖޭއެސްސީ

ގާޒީ އިބްރާހިމް އަލީ ސަސްޕެންޑް، ވަކިކުރަން މަޖިލީހަށް ހުށައަޅަނީ

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިރޭ ބުނީ އެ ކޮމިޝަނުން ތަހުގީގުކުރި އިބްރާހިމް އަލީއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޭނާގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އޭނާ ކުރައްވާފައިވާތީ އަދި އިބްރާހިމް އަލީ ކޮށްފައިވަނީ ފަނޑިޔާރު ކަމުގައި ހުންނެވުމަށް އެކަށީގެންވާ އަމަލުތަކަކަށް ނުވާތީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ގާޒީ އިބްރާހިމް އަލީގެ މައްޗަށް ޖޭއެސްސީން ތަހުގީގުކުރި މައްސަލަތަކުގެ ތަފްސީލްވެސް ވަނީ ދީފައެވެ. އެ ކޮމިޝަނުން ބުނީ އެއް މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން މައްސަލައިގެ ތުހުމަތު ކުރެވުނު މީހުން ބަންދުގަައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ ހުރިހާ މީހުން ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓްގައި ޕީޖީން އިސްތިއުނާފު ކުރުުމުން ކްރިމިނަލް ކޯޓްގެ އެ ނިންމުން ގޯސް ކަމަށް ނިންމުމާއި އަދި ޕީޖީން އެ މީހުންގެ ބަންދާއިމެދު ނިންމި ނިންމުން މުރާޖައާކުރަން އެދެފިނަމަ އެ މައްސަލާގައި އަލުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބުނެފައިވީނަމަވެސް އެ ގޮަތަށް އަމަލުނުކޮށް ގަސްތުގައި ލަސްކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި ހިމެނޭ ވ. ބްލީނިއާގޭ މޫސާ އިބްރާހިމްގެ ބަންދާއިމެދު ގޮތް ނިންމަން އަލުން ހުށައެޅުމުންވެސް ހައިކޯޓުން އަންގާފައިވާ އުސޫލާއި ހިލާފަށް އަމަލުނުކޮށް އެ މައްސަލަ ނުނިންމާ ލަސްކޮށްފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ. އަދި ޕީޖީން ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އެ ސިޓީތަކަށްވެސް ގަޒީ އިބްރާހިމް އަލީ އެއްވެސް ޖަވާބެއް ނުދެއްވާ ކަމަަށެވެ. އަދި އެންމެ ފަހުން އެ މައްސަލާގައި އަޑުއެހުމެއް ބޭއްވީ ހަައިކޯޓުން އެންގުމުން ކަަަމަށްވެސް ބުނެފައިވެއެވެ. އެ އަޑުއެހުމުގައިވެސް ގާޒީ އިބްރާހިމް އަލީގެ ބަސްމަގު ހުރީވެސް ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަމަށާ އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫން ކަމަށާ އެކަން ކުރަނީ މަތީ ކޯޓްގެ މަރުހަލާއަކުން އަމުރު ކުރުމުން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

"އިސްވެ ދެންނެވުނު މައްސަލާގައި ބާވަތަށާއި ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަަނަ މާއްދާގެ (ތ) އާ ހަވާލާދީ އެ މާއްދާގެ (ލ) ގެ ދަށުން އެ މައްސަލަ ބެލި ތަހުގީގު ކޮމެޓީގެ ހުށައެޅުމާއި އެއްގޮތަށް ގާޒީ އިބްރާހިމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރު ކަމުން މަސައްކަތުން ދުރުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައި،"

ގާޒީ އިބްރާހިމް އަލީ ވަކިކުރަން ނިންމިއިރު އަދިވެސް އޭނާގެ ސުލޫކާ ގުލޭ އިތުރު ތިން މައްސަލައެއް ދަނީ ޖޭއެސްސީން ބަލަމުންނެވެ.