ޖޭއެސްސީ

ގާޒީ ބާރީ ވަކިކުރަން މަޖިލީހަށް ފޮނުވައިފި

ޖުވެނައިލް ކޯޓްގެ ގާޒީ އަބްދުއްބާރީ ޔޫސުފް މަގާމުން ވަކިކުރުމާމެދު ގޮތް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން ބޭއްވި ބައްދަލްވުމެއްގައި ޖުވެނައިލް ކޯޓްގެ ގާޒީ އަބްދުއްބާރީ ޔޫސުފް މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާ އެކަމާމެދު ގޮތް ނިންމެވުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ޖޭއެސްސީން ވަނީ ގާޒީ ބާރީގެ ގިނަ މައްސަލަތަކެއް ބަލާފައެވެ.

އޭގެ ތެރޭގައި މި ފަހުން ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން ގާޒީ ބާރީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނާ މައްސަލައަކާއި މެއި 2014 އިން ފެށިގެން 2018 ގެ ނިޔަލަށް އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ގާޒީ ބާރީ ހަރަކާތްތެރިވި ކަމަށް ބުނާ މައްސަލައަކާއި އެ ވިޔަފާރީން ލިބުނު މާލީ މަންފާ ހާމަކޮށްފައިނުވާ މައްސަލައެއް ހިމެނެއެވެ.

މި މައްސަލަތަކުގެ ތެރެއިން ކުރީގެ ނާއިބް ރައީސް އަދި ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ އަހުމަދު އަދީބާއި ބާރީއާ ދެމެދު ގާތް ގުޅުމެއް އޮތް ކަން ފާހަގަ ކުރެވިފައިވާ ކަމަށާ ކްރިމިނަލް ކޯޓުން ހިންގި ބޮޑެތި ޝަރީއަތްތަކާއި ގުޅިގެން އިތުރު ފަނޑިޔާރުންތަކަކާއެކު ގާޒީ ބާރީ އަހުމަދު އަދީބާއި ބައްދަލްކޮށްފައިވާ ކަން އެނގިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އެ ބައްދަލްވުން އޮތީ ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންގެ ކާރުކޮޅު ޕާކްކުރާ ގަރާޖުތެރޭގައެވެ.

ބާރީ ބެއްލެވި މައްސަލަތަކުގެ ތެރެއިން ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތުގައި ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމްގެ ކޮޕީއެއް އަދީބަށް ފޮނުވަން ނިންމި ކަމަށާ ބާރީ ފްލެޓެއް ބޭނުން ވުމުން އެކަންވެސް ކޮށްދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދީބް، ބާރީއަށް ފަސް ލައްކަ ރުފިޔާވެސް ދީފައިވާ ކަމަށާ ފްލެޓަށް ބާރީ ދެއްކި ހަ ލައްކަ ރުފިޔާއަކީ ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމަަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

ގާޒީ ބާރީ މިހާރުވެސް ހުންނެވީ ޖޭއެސްސީން ބެލި މި މައްސަލަތަކާއި ގުޅިގެން ސަސްޕެންޝަންގައެވެ.