ފައްޔާޒް އިސްމާއީލް

މަގާމަށް އަންނަަން ވާނީ ތުހުމަތުތައް އަންނާނެކަން އެނގިހުރެ

ދައުލަތުގެ މަގާމުތަކާ ހަވާލުވެ ވަޑައިގަންނަވަން ވާނީ ތުހުމަތުތައް އަންނާނެކަން އެނގިހުރެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތް ހިމަނާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ. އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރީ ސަރުކާރުގެ ދުވަސްވަރު މަޖިލީހުން ބިލެއް ފާސް ކުރި އެވެ. އެ ގާނޫނާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުުފުލީ މި ސަރުކާރުގައި ތިއްބެވި ވެރިންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދެވޭނެ ގޮތް ހިމަނާ މަޖިލީހަށް ބިލެއް ހުށައެޅި ނަމަވެސް އެ ބިލުން ދައުލަތުގެ ތިން ބާރުގައި ތިއްބެވި ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އަބުރުގެ ބަދަލު ހޯދަން ދައުވާ ކުރެވިގެން ނުވާނެ ކަމަށެވެ. ދައުލަތުގެ ބޮޑެތި މަގާމުތަކަށް އަންނަން ވާނީ ތުހުމަތުތައް އަންނާނެކަން އެނގިހުރެ އެކަންކަން ގަބޫލު ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަބުރާ ބެހިގެން ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އޮންނަންވާނީ އާންމު ރައްޔިތުންނަށް ކަމަށެވެ. ވެރިންނަށް އޮންނަންވާނީ އެ މީހަކާމެދު ދޮގު މައުލޫމާތެއް ފެތުރައިފިނަމަ އެކަމެއް ރަނގަޅު ކުރުމަށް ދައުވާ ކުުރުމުގެ ފުރުސަތު ކަމަށެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ އެ ގާނޫނު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަބުރުގެ އެ ގާނޫނު އުވާލަން މަޖިލީހުން ނިންމާފައި ވަނީ ނޮވެންބަރު 14، 2018 ގައެވެ.

އަބުރު ގާނޫނުގެ ދަށުން ރާއްޖެޓީވީ ވަނީ އެކި ފަހަރު މަތިން ބޮޑެތި އަދަދުން ޖޫރިމަނާކޮށްފަ އެވެ. އޭގެ އިތުރުން ވީޓީވީ އާއި ސަންގްޓީވީ ވެސް އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކޮށްފައިވެ އެވެ.