ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން، ސަރުކާރުން އިންޓަނޭޝަނަލް މާކެޓުގައި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ ސުކޫކްއެއް ވިއްކަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ދަރަންޏާ ގުޅޭ ނުރަނގަޅު ވާހަކަތައް ދައްކައިގެން އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިލްތިމާސް ކުރައްވައިފި އެވެ.
ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ އަދި ނަގާފައިވާ ލޯނާގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދީފައިވާ ލޯނުތަކުގެ ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމަކީ ލޯނުދޭ ފަރާތްތަކާއި އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ގެއްލި، ކުރިއަށް އޮތް ތަނުގައި ދައުލަތުން ނަގާ ލޯނުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނީގެ އެއްބަސްވުންތަކުގައި ވަކި މިންގަނޑުތަކެއް ހިފަހެއްޓުމަށް ދެ ފަރާތަށް ވެސް ލާޒިމުވާ ކަމަށެވެ. އެގޮތުން، އެ އެއްބަސްވުންތަކުގައި ހިމެނޭ ޓާމްސްތަކަކީ ސިއްރު މައުލޫމާތުތަކެއްކަން ފާހަގަ ކުރައްވަމުން، އަމީރު ވިދާޅުވީ އެ މައުލޫމާތު ހާމަކުރެވޭނީ ދަރަނީ ދޫކުރި ފަރާތުގެ އިޒުނައާއެކު ކަމަށެވެ.
"މި ނޫން ގޮތަކަށް އަމަލުކުރުމާ ގުޅިގެން ލޯނު އެއްބަސްވުމުގެ އެއްވެސް މާއްދާއެއް ޓްރިގާ ވެއްޖެ ނަމަ، ދައުލަތުން ކުރިއަށް އޮތް ތަނުގައި ނަގާ ދަރަންޏަށް އޭގެ ނޭދެވޭ އަސަރުތައް ކޮށް، ގައުމުގެ ރޭޓިން ދަށްވެ، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ،" އަމީރު ވިދާޅުވި އެވެ.
އެގޮތުން، ދަރަނި ނުވަތަ ލޯނު އެއްބަސްވުންތަކާ ގުޅޭ ނުރަނގަޅު މައުލޫމާތު ހާމަނުކުރުމުގެ އިތުރުން ކްރެޓިޑް އޭޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އިންވެސްޓަރުންނަށް މި ސުކޫކުގައި އިންވެސްޓު ކުރުމުގެ ކޮންފިޑެންސް ނުގެއްލޭ ގޮތަށް ހުރިހާ މުއައްސަސާތަކުންވެސް އަމަލުތައް ބެހެއްޓުމަކީ މި ނާޒުކު ދަނޑިވަޅުގައި ވަރަށް މުހިއްމުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.