ކުޅިވަރު

މެސީގެ ފަހު ވޯލްޑްކަޕް ކަމަށް ބުނަން ބޭނުމެއް ނުވި

ގަތަރުގައި ބާއްވާ 2022 ގެ ވޯލްޑް ކަޕަކީ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ބުނަން އެ ޓީމުގެ ކޯޗް ލިއޮނެލް ސްކަލޯނީ ދެކޮޅު ހަދައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އެކްއެޑޯ އާ ދެކޮޅަށެވެ. މިރޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އޭނާގެ ގައުމަށްޓަކައި އަދި މެސީއަށްޓަކައި ވެސް 2022 ގެ ވޯލްޑް ކަޕަށް ކޮލިފައި ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ގަތަރުގައި ވޯލްޑް ބާއްވާއިރު މެސީގެ އުމުރުން 35 އަހަރު ފުރޭނެ އެވެ. މެސީއަށްޓަކައި ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވުން މުހިންމު ވަނީ މެސީގެ ފަހު ވޯލްޑް ކަޕަށް ވެދާނެތީތޯ ސުވާލު ކުރުމުން ސްކޮލާނީ ބުނީ މިހެންނެވެ.

"އެއީ އަހަރެމެން އަދި ވާހަކަ ދައްކާ ކަމެއް ނޫން، އަހަރެމެން ވިސްނަނީ މެޗަކަށް ފަހު މެޗަކަށް."

ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ނުވެ ހިނގައިދާނެ ކަމުގެ ބިރު ކުރިމަތި ވެފައި އޮތްވައި އާޖެންޓީނާ ކޮލިފައިވީ ކޮލިފައިންގެ އެންމެ ފަހު މެޗުގައި އެކްއެޑޯ އާ ދެކޮޅަށް މެސީ ކާމިޔާބު ކުރި ތިން ލަނޑާއެކު އެވެ.

ސްކަލޯނީ ބުނީ، މިރޭ އާޖެންޓީނާ އާ ދެކޮޅަށް ނުކުންނަ އެކްއެޑޯ ޓީމަކީ ބަލި ކުރަން އުނދަގޫ ޓީމެއް ކަމަށާއި މެޗު ވެގެންދާނީ ވަރަށް ވަރުގަދަ މެޗަކަށް ކަމަށެވެ.

މެސީއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ބާސާގައި މެސީ މަޑު ކުރުމަކީ ރަނގަޅަށް ނިންމި ނިންމުމެއް ކަމަށެވެ. ބާސާގައި މެސީ އާންމުކޮށް ކުޅޭ ވިންގު ފޯވަޑްގެ މަގާމުން ސެންޓްރަލް ސްޓައިކަރުގެ ރޯލަށް އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ސްކަލޯނީ ބުނީ ކޮންމެ މަގާމަކަށް މެސީ ކުޅުނަސް އޭނާ އަކީ ސްޓައިކަރެއް ކަމަށާއި ކޮންމެ ތަނަެއްގައި ކުޅުނަސް ކުރިއަށް އަރައި މެސީ ލަނޑު ޖަހާނެ ކަމަށެވެ.

"އަހަންނަށް ހީނުވޭ އޭނާ ކުޅޭ ވަކި މަގާމެއްގެ ސަބަބަކުން އޭނާ އަށް އަސަރު ކުރާނެ ހެނެއް، ކޮންމެ މަގާމަކަށް ކުޅުނަސް އޭނާ ވަނީ ސްޓައިކަރަކަށް ނަންބަރު ނުވައެއް ރޯލް ދިނަސް އަދި އެހެން ރޯލެއް ދިނަސް އޭނާ ކުޅެނީ ކުރިއަށް އަހަންނަށް އެކަން ނިމުނީ."