ސްޓެލްކޯ

ޕެރޯލް ލިބޭ ގައިދީންނަށް ސެޓެލްކޯއިން ވަޒީފާ

ޕެރޯލްގެ ފުރުސަތު ލިބޭ ގައިދީންނަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އިޖުތިމާއީ ދުޅަހެޔޮ ކަމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހުޅުވާލި މި ފުރުސަތުގެ ދަށުން ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސަސްއާއެކު ސްޓެލްކޯއިން މިއަދު ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކުށުގެ ވެށިން ސަލާމަތްވެ އަނބުރާ މުޖުތަމައުއަށް ނިކުންނަ ޒުވާނުންނަށް ފުރުސަތު ތަނަވަސްކޮށް ދިނުން މަމަށެވެ. އަދި އެ ފުރުސަތުތައް އެފަދަ ޒުވާނުންނަށް ހުރިހާ ދާއިރާއަކުން ފަހިކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ދައުލަތުގެ ޕެރޯލް ނިޒާމުގެ ތެރެއިން ދޫކުރެވޭ ފަރާތްތަކަށް އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި އެކަމުގައިވާ އުސޫލުތަކުގައި ވާގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި އަނބުރާ މުޖުތަމައުއަށް އައުމަށް އޮތް ފުރުސަތުތަކާ ގުޅޭ ހިސާބަކީ ދައުލަތުގެ އެންމެހާ މުއައްސަސާތައްކަމަށް އަޅުގަނޑުމެން ދެކެން. އަނބުރާ މުޖުތަމައުއަށް އައުމަށް ގަވައިދުގެ ތެރެއިން ދެވެން ހުރި ފުރުސަތާއި އެއްބާރުލުން ދިނުމަކީ ހުރިހާ ދާއިރާތަކަކުންވެސް ކޮށްދޭންޖެހޭ ކަންތައްތަކެއް ކަން އަޅުގަނޑުމެން ދެކެން." މުޣުނީ ވިދާޅުވި އެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ އެއް އަހަރުގެ މުއްދަތައް ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އެހެން ނަމަވެސް، ކުރިޔަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ނަތީއްޖާއަށް ބަލައި، އެ އެއްބަސްވުން އިތުރު އަހަރުތަކަކަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބި ސްޓެލްކޯއިން ވަޒީފާ ހަމަޖެހޭ މީހުންނަށް އެ އޮންނަ އުސޫލުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.