ޣައްސާން މައުމޫން

މަސައްކަތް ނިންމާނީ ރިޔާސަަތަށް ޔާމީން ގެނައުމަށްފަހު: ޣައްސާން

އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ މަސައްކަތް ނިންމާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުމަށްފަހު ކަމަށް ޕީޕީއެމްގެ ނާއިބް ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށް ފްރީޒް ކޮށްފައި ހުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ، ބޭންކް އެކައުންޓްތައް ދޫކޮށްލަން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްކުރުމާއި ގުޅިގެންނެވެ. ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވެސް ވަނީ އެ އަމުރު ބާތިލުކޮށް، އެކައުންޓްތައް ދޫކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.

އިސްތިއުނާފުގެ މި މައްސަލަ ސުޕްރީމް ކޯޓުގައި ހިންގައި މިއަދު ނިންމި އިރު ހުކުމުގައި ބުނީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭ ކަމަށެވެ. އަދި އެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓާ ކަމަށެވެ.

އެ ހުކުމަށް އިޝާރާތް ކުރައްވާ ޣައްސާން އިދިކޮޅު ކޯލިޝަންގެ މަސައްކަތް ނިންމާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު ކަމަށެވެ. އަދި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ހިމާޔަތުގައި 2023ގެ އިންތިހާބުގައި ރައީސް ޔާމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރުމަށްފަހު ކަމަަށެވެ. އަދި އެ ކަމަކީ ދިވެހި އިގްތިސާދާއި ރައްޔިތުންނަށްޓަކައިވެސް ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓްގައި ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމެވީ އެކައުންޓްތައް ފްރީޒު ކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަށް ތާއީދު ކުރެވެން ނެތް ކަމަށާއި އެ އެކައުންޓްތައް ދޫކޮށްލުމަށެވެ. އަދި އެކައުމްޓްތައް ފްރީޒް ކުރީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރުގެ މުއާމަލާތްތަކާއި ގުޅިގެން ކަމަށް ބުނި ނަމަވެސް ފްރީޒް ކުރި އަށް އެކައުންޓަކީ އެ ފައިސާ އާއި ގުޅޭ އެއްޗެއްކަން ދައުލަތަށް ޝަރީއަތުގައި ސާބިތު ކޮށް ދެވިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ދައުލަތަށް ނެގިދާނެ ކަމަށް ގަބޫލު ކުރެވޭ ފައިސާތަކެއް ހުރި އެކައުންޓެއް ފްރީޒް ކުރަން އެދެވިދާނެ ކަމަށެވެ. އެކަމަކު ތުހުމަތުވާ ފައިސާއަށްވުރެ ގިނަ ފައިސާ ދައުވާ ލިބޭ ފަރާތުގެ އެކައުންޓުގައި ހުރި ނަމަވެސް ފްރީޒް ކުރުމަށް އެދެވޭނީ ހަމައެކަނި ތުހުމަތުވާ ފައިސާއަށް ކަމަށެވެ. އަދި ހުރިހާ ފައިސާއަކާމެދު ތުހުމަތު ވާނަމަ އެކަން ކޯޓަށް ލިޔުމުން ހުށަހަޅަން ޖެހޭއިރު ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒް ކުރަން އެދިފައި ވަނީ ގާނުނާ ހިލާފަށް ކަމަށެވެ.