އައްޑު އަތޮޅުގެ ޓޫރިޒަމް ހިދުމަތްދޭ ތަން ތަނުން އޯގަސްޓް މަހު ގްރީން ޓެކުސްގެ ގޮތުގައި ލިބުނީ 183 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން އޯގަސްޓް މަހު އައްޑޫ ސިޓީގެ ޓޫރިޒަމް ފެސިލިޓީތަކުން ގްރީން ފަންޑަށް 183ރ. ލިބުނުއިރު، ދެން އެންމެ މަދުން މި ފަންޑަށް ފައިސާ ލިބިފައިވާ ށ. އަތޮޅުން ލިބިފައިވަނީ 276.48ރ. އެވެ. ދ. އަތޮޅުން ލިބުނީ 2,210.40ރ. އެވެ.
ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން އޮގަސްޓް މަހު ގްރީން ފަންޑަށް ފައިސާ ނުލިބެނީ ހއ. އާއި ހދ. އަދި ތ. އަތޮޅާއި ލ. އަތޮޅުންނެވެ.
މި ފަންޑަށް އެންމެ ގިނައިން އޮގަސްޓް މަހު ފައިސާ ލިބިފައިވަނީ ކ. އަތޮޅުންނެވެ. މި އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 728,643.31 ރުފިޔާ އެވެ. އދ. އަތޮޅުން ލިބިފައިވަނީ 500,894.21 ރުފިޔާ އެވެ.
ގްރީން ފަންޑަށް އޮގަސްޓް މަހު ޖުމްލަ 5.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ސަފާރީ ތަކުން ލިބުނު 141,487.87 ރުފިޔާ އާއި ގެސްޓްހައުސް ތަކުން ލިބުނު 619,475.87ރ. އެވެ.
މި ފަންޑުގައި މިހާތަނަށް ޖުމްލަ ހުރީ 907 މިލިއަން ރުފިޔާ އެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް މި ފަންޑުން 169 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޮގަސްޓް މަހުގެ ނިޔަލަށް ލިބިފައިވާ ޖުމްލަ އަދަދަކީ 294 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓާލާފައިވާތީ ގްރީން ޓެކުސް ލިބުން ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.