ދިވެހި ސިނަމާ

"ބަޅިނދު"ގައި މުސްކުޅި އަންހެނެއް، ކާކު؟

ޑާރްކެއިންގެ "ނޮވެންބަރު" ގެ މަސައްކަތް އޮތީ ނިމިފަ އެވެ. އަންނަ އަހަރު ސްކްރީން ކުރާނެ ކަމަށް ބެލެވެ އެވެ. މިހާރު ކުރިއަށް ދަނީ "ބަޅިނދު" ގެ މަސައްކަތެވެ. "ބީވީމާ" ގެ ކާސްޓް ހޮވާ އެ ފިލްމުގެ މަސައްކަތް އޮތީ ފަށާފައެވެ. "ރެހެންދި ހަދީޖާ" ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމާ ސްކްރީންޕްލޭ ދަނީ ލިޔަމުންނެވެ. "ހަށިވާ" ވެބްސީރީޒްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

"ބަޅިނދު" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ޑާކްރެއިން ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯތަކަށް އެތައް ބައެއްގެ ނަޒަރު ހުއްޓުނެވެ. އެ ފޮޓޯތަކުން އެކަނިވެސް "ބަޅިނދު" ބަލާލަން ކުރާ އިންތިޒާރު ބޮޑުވެ އެވެ.

ޑާކްރެއިންއިން އާންމުކުރި ފޮޓޯތަކުން ފެންނަނީ ވަރަށް މުސްކުޅި އަންހެނަކު އެނދެއްގައި އޮއްވައެވެ. މުޅި މޫނު މައްޗާ ކަރުދަށް ފެންނަނީ ވަރަށް ބޮޑަށް ރޫޖެހިފައިވަނި ކޮށެވެ. ކަރުގައި ބަޑިއެއް އަޅާފައި ވެއެވެ. އޮތީ ވިސްނުމެއްގެ ތެރޭގައެވެ. މޫނު މަތިން ފެންނަނީ ހިތާމައާ މާޔޫސް ކަމެވެ.

ދެވަނަ ފޮޓޯއިން ފެންނަނީ އެ އަންހެން މީހާއަށް މީހަކު ކާންދޭން އިންތަނެވެ. އެއީ ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ) އެވެ. އިހުގެ ގޮތަކަށް ތައްޔާރު ކޮށްފައިވާ އެ ކޮޓަރީގައި އޮތް މުސްކުޅި މީހަކީ ކޮބައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އެއީ ކުޅަދާނަ އެކްޓްރްސް މަރިޔަމް ޝަކީލާ (ޝައްކިތަ) ކަން ދެނެގަނެވުނަސް މޭކަޕްގެ މޮޅު ކަމާމެދު އާޝޯހުވެފައި ކުޑަ އިރުކޮޅަކު ނަމަވެސް ބަލަން ހުންނަން ޖެހެ އެވެ.

"ބަޅިނދު" ގައި ޝަކީލާ ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުންކަން މި ފޮޓޯތަކުން ވެސް ޔަގީންވެ އެވެ. ހަގީގަތުގައި ވެސް އެ ފިލްމުގައި އެންމެ މުހިންމީ ޝަކީލާގެ ރޯލެވެ. ޝަކީލާގެ ތަފާތު އެ ލުކްސް އެ ގޮތުގައި ދެއްކުމަށް ވަރަށް ގިނަ މަަސައްކަތް ކުރަން ޖެހެއެވެ.

އެންމެ ގިނަ މީހުންގެ ސުވާލަކީ ޝަކީލާގެ ލުކް ބަދަލުކޮށްލި މޭކަޕް އާޓިސްޓަކީ ކާކު ހެއްޔެވެ. އެއީ ކުޅަދާނަ މޭޕަކް އާޓިސްޓް ޝިޒޫ އެވެ. ކޮންމެ ދުވަހެއްގެ ޝޫޓިންއަށް ޝަކީލާގެ އެ ލުކްސް ގެނައުމަށް ޝިޒޫ ތިން ގަޑިއެއްހާއިރު ހޭދަ ކުރެއެވެ.

"ޝިޒޫގެ އެ މަސައްކަތް ވަރަށް ފުރިހަމަ. އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަ ކޮށްގެން ވަރަށް ފަރުވާތެރިކަމާއެކު އޭނާ ކުރާ މަސައްކަތެއް. އަދި މި ފިލްމުގެ މަސައްކަތަށް ޝަކިއްތަ އެދޭ ޓައިމްވެސް އެއީ ވަރަށް ފާހަގަ ކޮށްލެވޭ ކަމެއް،" މޮގާ ބުންޏެވެ.

"ބަޅިނދު" އެއީ މޮގާ ވަރަށް ހާއްސަ ޕްރޮޖެކްޓެކެވެ. އަންނަ އަހަރު މޮގާގެ އުންމީދާ ގުޅިފައިވާ ތިން ފިލްމެއް ބެލުންތެެރިންނަށް ގެނެސްދޭން މަސައްކަތް ކުރާނެ އެވެ. އޭގެ ތެރެއިންވެސް "ބަޅިނދު" ވަރަށް ހާއްސަ އެވެ. ޒުވާން ޑައިރެކްޓަރު އަހުމަަދު ޝިނާން އާ ހަވާލު ކޮށްގެން އެ މަސައްކަތް ކުރަނީ ވެސް ބެލުންތެރިން ބޭނުންވާ ފަދަ ތަފާތު ފިލްމެއް ގެނެސް ދިނުމުގެ ބޭނުމުގަ އެވެ.

"ޝިނާންގެ މަސައްކަތާމެދު ވަރަށް ޕްރޮއުޑްވޭ. ވަރަށް ތަފާތު ޑައިރެކްޓަރެއް،"

"ބަޅިނދު" ގެ މަސައްކަތް ފުރަތަމަ ފެށީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ފިލްމުގެ 45 ޕަސެންޓް މަސައްކަތް ނިންމި އެވެ. ނަމަަވެސް އެކި ސަބަބުތަކާއި ގުޅިގެން މަސައްކަތް މުޅިން ނިންމޭ ގޮތް ނުވީއެވެ. އެހެންވީމަ ފިލްމްގެ ކާސްޓަށް ވެސް ބަދަލު ގެންނަން ޖެހުނެވެ. ކާސްޓަށް ބޮޑު ބަދަލެއް ގެނެސް ފިލްމުގެ މަސައްކަތް ފެށީ ސެޕްޓެންބަރު މަހުގެ މެދުތެރޭގަ އެވެ.

"ބަޅިނދު" ގެ ތަރިންގެ ގޮތުގައި ނަގާފައިވަނީ އާޝާ އާއި ޖުމައިހް އާއި ހުނޫ އާއި ދޮން އައްޔަ އާއި ނުޒޫ އާއި އައިޝާ އާއި ޝަރަފް އަދި މަޖޫ އެވެ. ދެން ޝަކީލާއެވެ. މަޖޫއަކީ ޑާކްރެެއިންގެ ގިނަ ފިލްމުތަކުން ލީޑު ރޯލުން ފެނިގެން ދާ ތަރި އެވެ. ފިލްމުގައި އެންމެ މުހިންމު ތަރިންނަކީ ދޮން އައްޔަ އާއި އައިޝާގެ އިތުރުން ޝަކީލާ އެވެ.

މިއީ ބިރުވެރި ފިލްމެކެވެ. މިއީ ޝިނާން ޑައިރެކްޓް ކުރާ އެ ޖޯންރާގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ޑައިރެކްޝަން "4426" އަަކީވެސް ހިޓެކެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް އެ ފިލްމަށް ލިބުނެވެ.