ދެކުނުގެ ގއ. މާމެންދޫގައި މަގުމަތިކޮށްފައިވާ ދޮށީ އުމުރުގެ އަލިފުތާ އާއި ހަވާލުވާން އޭނާގެ ވާރިސުންގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން ވެސް ވާރިރުން އޭނާއާ ހަވާލުވެފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
މާމެންދޫގައި މަގުމަތި ކޮށްލުމުން އަލިފުތާ ބަލައި ދޭނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނެއް ކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެމީހާ ބަލައިދޭން ދެ މީހަކު ޝައުގުވެރިކަން ވެސް ފާޅު ކުރި އެވެ. އެކަމަކު އެމީހުން ބޭނުން ވަނީ އަލިފުތާގެ ގޯތީގައި އޭނާ ދިރިއުޅެނެ ތަނެއް ހަދައި ދިނުމަށް ފަހު އޭނާ ބަލައި ދޭށެވެ.
މިހާރު މާމެންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި އަލިފުތާ އާއި އޭނާގެ ވާރިސުން ހަވާލު ވުމަށް އެދި އަވަސް ނިޔާއެއް ކަނޑައަޅައި ދިނުމަށް އެ މައްސަލަ ކައުންސިލުން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މައްސަލާގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހުކުމެއް ކޮށްފަ އެވެ. އަދި ކޯޓުގެ ހުކުމުގައި ވީހާވެސް އަވަހަކަށް ވާރިސުން އަލިފުތާއާއި ހަވާލުވާން އަމުރު ކޮށްފައިވެ އެވެ.
މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް މިއަދު ވިދާޅުވީ އަލިފުތާ ބެލޭނެ މާލީ ގާބިލުކަން ކައުންސިލުގައި ނެތް ކަމަށާއި ކޯޓުން އެ ހުކުމްކޮށްފައި އޮތުމުން ޖެންޑާއިން ވެސް އިތުރަށް އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި މި ހުކުމް ތަންފީޒު ކުރުމަށް އެދި ކޯޓަށް އަލުން މައްސަލައެއް ވެއްދުމަށް މިހާު ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓުން ހުކުމް ކުރިތާ ވެސް ހަފުތާއެއްވަރު ވެދާނެ. ވާރިސުންނާއި އެއް ފަސްގަނޑެއްގައި އަލިފުތާ ހާލުގަ ދިރިއުޅެމުން ދާއިރު ވެސް އެމީހުން ބޭނުން ނުވޭ އޭނާ އާއި ހަވާލުވާކަށް. ކުރިން އެމީހުން ބުނީ ކޯޓުން އެ މީހުންނާއި ހަވާލު ކުރީމައޭ ބަލާނީ... މިހާރު ކޯޓުން ވެސް އެ އޮތީ ހުކުމް އިއްވާފައި، އެކަމަކު އެމީހުން ހަވާލެއްނުވޭ. ކުރިން ޝައުގުވެރިަކަން ފާޅު ކުރި މީހުންނަށް [ކައުންސިލުން] ޖަވާބެއް ނުދިނީ މާގިނަ ދުވަސް ނަގާނެތީ،" އޭނާ ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ މި މައްސަލައިގެ ސަބަބުން އަލިފުތާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި ބަލި ހާލަތު ވެސް ދަށްވެފައިވާ ކަމަށެވެ. އެކަމަކު ކައުންސިލްގެ ބެލުމުގެ ދަށުގައި އޭނާ ހުރިހާ ދުވަހަކު ބަލަހައްޓަމުން ގެންދާނެ ކަމަށާއި ކެއުމާއި ބޭސްފަރުވާ ވެސް ކޮށްދޭނެ ކަމަށް ޒައީމް ވިދާޅުވި އެވެ.
އަލިފުތާ އުފަން ދަރިއަކު ނެތެވެ. އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ތިން އަހަރު ވެފައި ވެއެވެ. މިހާތަނަށް އެމީހާ ބަލަމުން އައީ ދޮންދަރިއެކެވެ. އެމީހާއަކީ ވެސް އުމުުރުން 65 އަހަރުން މަތީ މީހެކެވެ. އެނާއަށް އަލިފުތާ ބެލެން ނެތުމުން އަލިފުތާ ގެންގޮސް ވާރިސެއްގެ ގޭގެ ދޮރުމަތީ ބޭންދީ އެވެ. ނަމަވެސް ވާރިސުން ހަވާލު ނުވުމުން ފުލުހުން ކައުންސިލާއި ހަވާލުކުރީ މީގެ މަސްދުވަސް ކުރިންނެވެ.
މާމެންދޫއިން އަވަސް އާއި ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަލިފުތާގެ ވާރިސުން ބޭނުން ވަނީ އަލިފުތާގެ ނަމުގައި އޮތް ގޯއްޗާއި އޭނާ އަށް ލިބޭ އިނާޔަތްތަކެވެ. އެކަމަކު އަލިފުތާ އެކަމަށް އެއްބަހެއް ނުވެއެވެ. އޭނާ ބޭނުންވަނީ އޭނާ ބަލައިދޭ މީހަކަށް އިނާޔަތް ދޭށެވެ.
އަލިފުތާއަށް އުމުރުން ދުވަސްވީ މީހުންނަށް ލިބޭ 5،000 ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 2000 ރުފިޔާގެ އެލެވެންސް ލިބެ އެވެ.
އަލިފުތާ މިވަގުތު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުން މާމެންދޫ ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމެއްގަ އެވެ. އެ ތަނަކީ ކޮވިޑާއި ގުޅިގެން މީހުން ބަހައްޓަން ކައުންސިލުން ހަމަޖައްސާފައިވާ ތަނެވެ.