ގއ. މާމެންދޫގައި މަގުމަތިވެފައިވާ މީހާ، އުމުރުން 80 އަހަރުވެފައިވާ އަލިފުތާ ބަލަދުވެރިކަމާ ހަވާލުވެ ބަލައިދޭން އެރަށު މީހަކު އިސް ނަގައިފި އެވެ.
މާމެންދޫގައި މަގުމަތިކޮށްލުމުން އަލިފުތާ ބަލައި ދޭނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނެއް ކުރީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް އަވަސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ދެތިން ފަރާތަކުން އެ މައުލޫމާތު ސާފުކުރި ނަމަވެސް އަދި އެ މީހާ ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި އެކަމަކު އަމިއްލަ ހަރަދުގައި އެމީހާ ބަލައިދޭން އެކަކު އިސް ނަގާފައިވާ ކަމަށެވެ.
ޒައީމް ވިދާޅުވި ގޮތުގައި އަލިފުތާ ބަލައިދޭން އެެދޭ މީހާގެ ބޭނުން ވަނީ އަލިފުތާގެ ގޯތީގައި ހުރި ގެ މަރާމާތުކުރުމަށްފަހު އެގޭގައި ބަހައްޓައިގެން ބަލައިދޭށެވެ. އެ ގެ މަރާމާތު ކުރަން ދުވަސްކޮޅެއް ބޭނުންވެ އެވެ.
"އެ މީހާ ހުރީ އަލިފުތާ ބެއްޔާ ބަލަން ތައްޔާރަށް. އަލިފުތާއަށް ލިބޭ ފައިސާ ވެސް އަދި ގޯއްޗެއް ވެސް އޭނާ ބޭނުމެއް ނުވޭ. އެކަމަކު އެމީހާ ބޭނުންވޭ ވަގުތުކޮޅެއް އެއީ އަލިފުތާގެ ގޯތީގަ މިހާރު ހުރި ގެ މަރާމާތުކޮށްލަން." އޭނާ ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ މި ވަގުތު ކައުންސިލްގެ ހާލަތު އޮތް ގޮތުން ކައުންސިލްގެ އިދާރާއަށް މީހަކު ބެލެން ނެތް ކަމަށާއި އެމީހާ ބަލައިދޭނެ މީހަކު ބޭނުންވާ ކަމަށެވެ. އަދި އެކަން ޖެންޑާ މިނިސްޓްރީން ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަލިފުތާ އުފަން ދަރިއަކު ނެތެވެ. އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ތިން އަހަރު ވެފައި ވެއެވެ. މިހާތަނަށް އެމީހާ ބަލަމުން އައީ ދޮންދަރިއެކެވެ. އެމީހާއަކީ ވެސް އުމުުރުން 65 އަހަރުން މަތީ މީހަކެވެ. އެނާއަށް އަލިފުތާ ބެލެން ނެތުމުން އަލިފުތާ ގެންގޮސް ވާރިސެއްގެ ގޭގެ ދޮރުމަތީ ބޭންދީ އެވެ. ނަމަވެސް ވާރިސުން ހަވާލު ނުވުމުން ފުލުހުން ކައުންސިލާއި ހަވާލުކުރީ އެވެ.
ޒައީމް ވިދާޅުވީ ކޯޓު ހަވާލު ކުރުމުން ނޫނީ ވާރިސުން އަލިފުތާއާ ހަވާލުވާން ބޭނުން ނުވާ ކަމަށާއި މައްސަލަ މިހާރު ކޯޓަށް ވެސް ވައްދާފައިވާ ކަމަށް ބުނާ ކަމަށެވެ.
މާމެންދޫއިން އަވަސް އާއި ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަލިފުތާ މަގުމަތިވި އިރު އެނާއަށް ތުހުމަތުކޮށް ޖިންސީ ގޯނާގެ މައްސަލަތަކެއްގެ ވާހަކަ ވެސް ފެންމަތިކޮށްފައިވާ ކަމަށެވެ. ޒައީމް ވިދާޅުވީ އަލިފުތާއާ ގުޅުވައިގެން ދެކެވޭ އެ ވާހަކަތައް ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ބަލާ ކަމަށެވެ. އަދި ވިދާޅުވީ ދުވަހަކުވެސް އެއްވެސް ފަރާތަކުން އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.
އަލިފުތާއަށް އުމުރުން ދުވަސްވީ މީހުންނަށް ލިބޭ 5،000 ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 2000 ރުފިޔާގެ އެލޮވެންސް ލިބެ އެވެ.
އަލިފުތާ މިވަގުތު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުން މާމެންދޫ ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމެއްގަ އެވެ. އެ ތަނަކީ ކޮވިޑާއި ގުޅިގެން މީހުން ބަހައްޓަން ކައުންސިލުން ހަމަޖައްސާފައިވާ ތަނެވެ.