ހަބަރު

ދަނޑުވެރިކަން ކުރަން އިނގިރޭސި ކުންފުންޏަކަށް ހަތަރު ރަށް ދީފި

Oct 14, 2015
1
  • ރާއްޖޭގައި ނުހެދޭ ބާވަތްތައް އެ ކުންފުނިން ހައްދާނެ
  • މިއީ ދަނޑުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު
  • ފަޅުރަށްތައް އެ ކުންފުންޏަށް ދިނީ 21 އަހަރަށް

ރާއްޖޭގައި އާންމުކޮށް ނުހައްދާ ބާވަތްތަކުގެ ކާބޯތަކެތި ހެއްދުމުގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމަށް އިނގިރޭސިވިލާތުގެ ހަމިންބޯއީ ފާމްސްއާއެކު ސަރުކާރުން އެއްބަސްވެއްޖެ އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ސޮއި ކުރި ދަނޑުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

ތިމާވެއްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ހިންގާ އެ މަޝްރޫއަށް 10 މިލިއަން ޑޮލަރު ހަރަދު ކުރަން އެ ކުންފުނިން ނިންމާފައިވާ އިރު އެ މަޝްރޫއުގެ ދަށުން ރާއްޖޭގައި ނުހައްދާ ބެރީޒްގެ އެކި ބާވަތްތަކާއި ކެއުމަށް ބޭނުން ކުރާ ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ ބާވަތްތައް މި މަޝްރޫއުގެ ދަށުން ހައްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން އެ ބާވަތްތައް ހައްދަން ބޭނުން ކުރާނީ ގްރީން ހައުސް ޓެކްނޮލޮޖީ އެވެ.

ގްރީން ހައުސް ޓެކްނޮލޮޖީ އަކީ ވަކި ވަރަކަށް ފިނި ހޫނުމިން ކޮންޓްރޯލް ކޮށްފައި ހުންނަ އިމާރާތެއްގައި ކާބޯތަކެތި ހެއްދުމެވެ. ހަމިންބޯ އީ ފާމްސް އިން ބުނާ ގޮތުގައި ގްރީން ހައުސިން ފިނި ކުރަން ބޭނުންކުރާ އެއާކޮޑިޝަން ސިސްޓަމަކީ މޫދު ލޮނު ބޭނުން ކޮށްގެން ފިނި ކޮށްދޭ ނިޒާމެކެވެ. އަދި އެ މަޝްރޫއުގައި ޖަނަރޭޓަރު ހިންގުމަށް ބޭނުން ކުރާ ހަކަތަ އަކީ އިއާދަ ކުރަނިވި ހަކަތަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ހިންގުމަށް އެ ކުންފުންޏަށް ގދ އަތޮޅުގެ ދޫނިރެހާ، ގޮޅާއްލަ، ހުޅުވާރުލާ އަދި މެންތަންދުއާ ވަނީ 21 އަހަރަށް ކުއްޔަށް ދޫކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން އެ އަތޮޅުގެ މީހުންނަށް ވަޒީފާތައް ދޭން ޖެހޭ އިރު، އެ ބާވަތްތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓަށް ގެންދިޔުމަށް އެ ކުންފުނިން ވަނީ ރާވައިފަ އެވެ.