ދެ ލޯބިވެރިއެއް ނުވަތަ ދެމަފިރިއެއްގެ ހަޔާތުގައި އަބަދުވެސް ކޮންމެވެސް ހިސާބަކުން މައްސަލަ ޖެހޭނެ އެވެ. މިއީ ދިރިއުޅުމުގެ ގާނޫނެވެ. ބައެއް ފަހަރަށް މިގޮތަށް ކުރިމަތިވާ މައްސަލަތަކުން ނިކަން ފަސޭހައިން އަރައިގަނެވި އެ ދެ މީހަކަށް އެ ހިތްދަތި ހަނދާންތަކުން ފަސޭހައިން އަރައިގަނެވެ އެވެ.
ނަމަވެސް އަނެއްބައި ހާލަތްތަކުގައި ދެ މީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ވަނީ ނިކަން ވަރުގަދަ ބޮލުރިހުމަކަށެވެ. މުޅި ދިރިއުޅުން ހުއްޓުމަކަށް ގެންނަ ވަރުގެ ކަންކަމަށް ވެސް ބަދަލުވެފައި އެބަހުއްޓެވެ.
އެހެންވީމަ ރިލޭޝަންޝިޕެއް ނުވަތަ ދެ މީހެއްގެ ދެމެދުގައި އޮންނަ މި ގުޅުން ހަލާކުވުމަށް މެދުވެރިވާ ހަތަރު ސަބަބަކުން މި ވާހަކައެއް ފަށައިގަންނަމާ ހިނގާށެވެ.
ފާޑުކިޔުން
ނުވަތަ ކަންކަމަށް ގޮތްކިޔުމެވެ. ނުވަތަ ކޮންމެ ވެސް އެކެއްގެ ކިބައިގައި ހުންނަ ސިފައެއް ގޯސްކޮށް ވަކިގޮތަކަށް ކަމެއް ނިންމައިލުމެވެ. މިއީ ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ހަރާބުކޮށްލާ ސަބަބުތަކަށް ބަލާއިރު ވަރަށް ފާހަގަކުރެވޭ އަދި އެތައް ބަޔަކު އެކަން ތަޖުރިބާ ވެސް ކޮށްފައިވާ މައްސަލަ އެކެވެ.
މިސާލަކަށް އަނބިމީހާ ގަމީހާއި ފަޓުލޫނު އިސްތިރިކޮށްދޭ ގޮތާ މެދު ހިތްހަމަނުޖެހިން އޭނާއާ ދިމާލަށް ބަވާލީމަ އަނބިމީހާ ހެދުން އިސްތިރިކޮށްދޭ ގޮތް ރަނގަޅެއް ނުވާނެ އެވެ. ނުވަތަ ފިރިމީހާގެ ފަރާތުން ތައުރީފު ލިބޭނެ ކަމަށް އުއްމީދުކޮށް ރީތި ހެދުމެއް ގަނެ ގަޔަށް ހެޔޮވަރުކޮށްލައިގެން ފިރިމީހާގެ އިންތިޒާރުގައި އިންނަ އަނބިމީހާ އެގޮތުގައި ފެންނައިރަށް ހާދަ ހުތުރު ހެދުމެކޭ ކިޔާފައި ފާޑުކިޔައިގަތީމަ ދެ މީހުން އެކުގައި ބޭރަށް ވެސް އޮންނާނީ އެ ދުވަހަކު ނުދެވިފަ އެވެ.
އެކަމަކު ދިރާސާތަކަށް ބަލާއިރު ފިރިހެނުންނަށް ވުރެ ބޮޑަށް ރިލޭޝަންޝިޕްތަކުގައި ޝަކުވާކޮށް ކަންކަމަށް ގޮތް ކިޔަނީ އަންހެނުންނެވެ.
ގޮތްދޫނުކުރުން
އެއްވެސް މީހަކީ ބަލިވާން އެދޭނެ މީހެއް ނޫނެވެ. ނަމަވެސް ދިރިއުޅުގެ އުސޫލުތައް ހުންނަ ގޮތުން ބައެއް ކަންކަމުގައި ދޫނުދީ އެފަދަ ކަންކަމުގައި ހައްލު ނުލިބެ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ ލޯބިވެރިންނާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކެވެ. އެކަކު އަނެކާ އަށް ގޮތް ކިޔައި ޝަކުވާކޮށް މައްސަލަ ޖެއްސީމަ އޭނާ އަށް ރައްދުދިނުމަކީ ނުވަތަ އެމީހަކު ދެއްކި ވާހަކައަކުން ދިފާއުވާން މަސައްކަތްކުރުމަކީ ރިލޭޝަންޝިޕްގައި ކެހި ލިބިދާނެ ކަމެކެވެ.
ބުއްދިވެރި ގޮތަކީ ތިމަންނަގެ ކުށެއް ނެތް ކަމަށް ބުނެ އަޑުގަދަކުރުމުގެ ބަދަލުގައި ކުށް ގަބޫލުކޮށް ސުލްހަޔަށް މަސައްކަތްކުރުމެވެ.
އަގެއްނެތްކަން އިހްސާސްކޮށްދިނުން
ތަޖުރިބާކާރުން ބުނާ ގޮތުން މިއީ ދެ މީހަކު ރުޅިވުމަށް މެދުވެރިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަގެއްނެތްކަން އިހްސާސްކޮށްދެވިދާނެ އެތައް ގޮތެއް ނުވަތަ އެތައް ހާލަތެއް އަތުވެދާނެ އެވެ.
އެކަކަކީ ވަގު ލޯބިވެރިން ގެންގުޅޭ މީހެއް ނަމަ ދެ މީހުންގެ ގުޅުގައި ނުވަތަ ލޯބީގައި އަގެއް ނެތްކަން އެ ބުނެދެވެނީ އެވެ. ފިރިމީހާ އަކީ ހިލޭ އަންހެނުން ހޯދަން މަސައްކަތްކުރާ މީހަކަށް ވަނީ ނަމަ އޭނާގެ އަނބިމީހާގެ އެއްވެސް އަގެއް ނެތްކަން އެ ބުނެދެވެނީކީއެއް ނޫން ހެއްޔެވެ؟
އަނބިމީހާގެ ރީތިކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެހެން އަންހެން ކުދިންގެ ރީތިކަމުގެ ވާހަކަ ދައްކާ ނަމަ އެއިން ދެވޭ މެސެޖަކީ ކޮބައި ހެއްޔެވެ؟
މީގެ އިތުރުން އެކުގައި އުޅޭ ދެ މީހުންގެ ތެރެއިން އެކަކު އަނެކެއްގެ މައްޗަށް މާ ބޮޑަށް ވެރިވެގަނެ ނުވަތަ ގަދަވެގަތުމަކީ ވެސް އަގެއްނެތްކަން އިހްސާސްކުރެވެން ފަށާފާނެ ކަމެކެވެ. މިސާލަކަށް ރިލޭޝަންޝިޕްގެ ހުރިހާ ކަމެއްގައި ބަސް ބުނަން ޖެހޭ ފަރާތަކީ އެކަކު ކަމަށް ވެފައި އަނެކާ ދައްކާ ވާހަކަ ތާކުންތާކުނުޖެހޭ ވާހަކަތަކަށް ވަނީ ނަމަ އެ މީހެއްގެ އޮތީ ކޮން އަގެއް ހެއްޔެވެ؟
ވަރިހަމަކޮށްލުން
ދެ މީހަކު ހިތާވެ، ލޯބިވެ، ކައިވެނިކޮށް އެކުގައި ދިރިއުޅެނީކީ ދިމާވާ ކަންކަމުގައި ފަރުވާކުޑަކޮށް ވަރިހަމަކޮށްލާކަށް ނޫނެވެ. އެކުގައި މަސައްކަތްކޮށް ދިރިއުޅުން އުފާވެރި ހަޔާތަށް ހެދުމަށެވެ.
ދެ މީހެއްގެ ދެމެދުގައި މައްސަލައެއް ޖެހިގެން ވަރިހަމަކޮށްލުމަކީ ވަރަށް ސީރިއަސް މައްސަލަ އެކެވެ. މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އެ މައްސަލައެއް އޮންނަ ގޮތަކަށް ބާއްވަން ދޫކޮށްލައިގެން ނުވާނެ އެވެ. އެގޮތަށް ހެދީމަ އެ ބުނެވެނީ ދެ މީހުންގެ ގުޅުމަށް ނުވަތަ ލޯތްބަށް ވެސް އެމީހެއްގެ ހިތުގައި އަޅާލުމެއް ނެތް ވާހަކަ އެވެ.
މި ކަންކަން ހައްލުކުރަން ހަދާނީ ކިހިނެތް؟
- ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ރަނގަޅަށް ދެނެގަނެ ދަސްކުރާށެވެ. އޭނާގެ އެތެރެ އާއި ބޭރުފުށުގެ ހުރިހާ ހަގީގަތެއް ހޯދާށެވެ.
- އެންމެ އާދައިގެ ކުދިކުދި ކަންކަމަށް ވެސް ސަމާލުކަންދީ ޝައުގުވެރިކަން ދައްކާށެވެ. މިސާލަކަށް ފިރިމީހާ ނުވަތަ އަނބިމީހާ ވާހަކަ ދައްކާއިރު އަބަދުވެސް ފުރިހަމަ ސަމާލުކަން އޭނާ އަށް ދޭށެވެ. ނުވަތަ ހަނދުވަރު ދިން ރޭރޭތަކުގައި ވީ ވައުދުތަކުގައި އޮތީ ކޮން މާނައެއް ހެއްޔެވެ؟
- ލޯބިވާ ވަރު ބުނެދީ އަމަލުން އެކަން ދައްކާށެވެ. ނުވަތަ މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ތި މަންނަ ދެކެ ލޯތްބެއް ނުވެޔޭ ކިޔާފައި ޝަކުވާކުރުމުގެ ފުރުސަތާއި ހައްގު ވެސް އޮންނާނެ އެވެ. އުފަން ދުވަސްތަކާއި އެނިވާސަރީ އާއި އެހެނިހެން ހާއްސަ ދުވަސްތައް ވެސް ހަނދާނުގައި ބަހައްޓައިގެން ފާހަގަކޮށް ނުވަތަ ކޮންމެވެސް އެހެން ގޮތަކުން ވެސް ނަމަވެސް ދެ މީހުންގެ ގުޅުމަށް ހާއްސަކަން ގެނެސް ލޯބި ދައްކައި ދެ މީހުންގެ ލޯބި އިތުރުކުރުން މުހިންމެވެ.