ދުނިޔެ

އެމެރިކާގައި ހަށިވިއްކުމުގެ ތެރެއަށް ވައްދާފައިވާ 100 އަށްވުރެ ގިނަ ކުޑަކުދިން ސަލާމަތްކޮށްފި

ނިއުޔޯކް (ބީބީސީ)- އެފްބީއައި ގެ އޮޕަރޭޝަނެއްގައި ހަށި ވިއްކުމުގެ ވިޔަފާރިއަށް ވައްދާފައިވާ 100 އަށް ވުރެ ގިނަ ކުޑަކުދިން ސަލާމަތް ކޮށްފިއެވެ. އެމެރިކާގެ އެކި ސަރަހައްދުތަކުން ހަށި ވިއްކުމުގެ ވިޔަފާރިއަށް މީހުން ވިއްކުމުގެ ވަގު ވިޔަފާރި ކުރާ 150 އަށް ވުރެ ގިނަ މީހުން މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރު ކުރިއެވެ.

އެފްބީއައި އިން ބުނީ މި އޮޕަރޭޝަނުގައި ސަލާމަތްކުރި އެންމެ ހަގު ކުއްޖާގެ އުމުރަކީ 12 އަހަރު ކަމަށެވެ. އެ އިދާރާއިން ހޮޓާތަކުންނާއި، ކެސީނޯ ތަކުން ހަށި ވިއްކުމުގެ ތެރެއަށް ވައްދާފައިވާ ކުޑަ ކުދިން ސަލާމަތްކުރިއެވެ.

އާންމުގޮތެއްގައި ހަށި ވިއްކުމުގެ ވިޔަފާރިއަށް ވައްދަނީ އަންހެންކުދިން ކަމަށް ވިޔަސް މި އޮޕަރޭޝަނުގައި ތިން ފިރިހެން ކުއްޖަކު ވެސް ސަލާމަތްކުރިއެވެ.

ސަލާމަތް ކުރެވުނު ކުދިންނަށް ސިއްހީ ފަރުވާއާއި ބޯހިޔާވަހިކަން ހޯދައި ދިނުމަށް އެފަބީއައި އިން ގެންދަނީ ކަމާ ބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންނެވެ. އަދި މި ކުދިން އެނބުރި ހަށި ވިއްކުމުގެ މާހައުލަށް ދިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރާނެ ކަމަށް އެފްބީއައި އިން ބުންޔެވެ.