ދުނިޔެ

އައިއެމްއެފްގެ ބެއިލްއައުޓަކަށް ލަންކާ ނުދާނެ

Oct 11, 2020

ކޮލޮމްބޯ (އޮކްޓޯބަރު 11) - ސްރީލަންކާގެ ދަރަނިތައް ރަނގަޅަށް މެނޭޖު ކުރެވެމުންދާ ކަމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމަކަށް ދިއުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު އަޖިތު ކަބްރާލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް އޭޖެންސީ މޫޑީސް އިން ލަންކާގެ ރޭޓިން ދަށްކުރުމާ ގުޅިގެން، އައިއެމްއެފްގެ ބެއިލްއައުޓަކަށް ހިނގައިދާނެތޯ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ޕާލިމަންޓުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 އިގެ ހާލަތުގައި ލަންކާގެ އިގުތިސޯދުވެސް ވަޅުޖެހިފައިވާވީ ނަމަވެސް، ދައުލަތުގެ ދަރަނިތައް ވަރަށް ރަނގަޅަށް މެނޭޖު ކުރެވެމުންދާ ކަމަށެވެ.

"ދައުލަތުގެ މާލިއްޔަތު ވަރަށް ރަނގަޅަށް ބެލެހެއްޓެމުންދާތީ އައިއެމްއެފް އާއެކު ބެއިލްއައުޓް ޕްރޮގްރާމަކަށް ދިއުމުގެ މާބޮޑު ބޭނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ކަބްރާލް އިތުރަށް ވިދާޅުވީ އިގުތިސޯދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތުގެ ދަށުން އިމްޕޯޓަށް ގެނައި ހިފެހެއްޓުންތައް މަޑުމަޑުން ލުއި ކުރަން ފަށާފައިވާ ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ބޭރުން އަންނަ ފައިސާވެސް އިތުރުވާން ފަށާފައިވާ ކަމަށެވެ.

އެއާއެކު، ކުރިން އޮތް މިންވަރަށް ވުރެ ލަންކާގެ އިގުތިސޯދީ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.