ހަބަރު

ބިދޭސީން ގެންގުޅެން މަސްވެރިން ބޭނުންވޭ

Oct 11, 2020
2

މަސްވެރިކަމުގައި ބިދޭސީން ގިނަކަމަށް ބުނެ އާއްމުން ފާޑުކީ ނަމަވެސް، މަސްދޯނި ފަހަރުގައި ބިދޭސީން ގެންގުޅެން މަސްވެރިން ބޭނުންވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޒަމާނުއްސުރެ ބޮންސުންލައިގެން ގޮސްފައިއޮތް މައްސަލައެއް ކަމަށެވެ.

މަސްވެރިކަމުގައި ބިދޭސީން އުޅޭ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން، ފައްޔާޒް ވިދާޅުވީ ގާތްގަނޑަކަށް ހުރިހާ މަސްދޯނިތަކުގައި ބިދޭސީން ގެންގުޅޭ ކަމަށާއި، އެއީ އެކަމުގައި ހަގީގީ ބޭނުމެއް އޮތީމާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މަސްވެރިކަމުގައި ނޫޅޭ މީހުންގެ ކަންބޮޑުވުމެއްއޮތީ އަޅުގަނޑުމެންގެ ލޭނާރުގަ ބިދޭސީން އުޅޭތީ. އެކަމަކު ކަން ކުރާ މީހުން އެބަ ބޭނުންވޭ ބިދޭސީން ގެންގުޅެން،" ފައްޔާޒް ވިދާޅުވި އެވެ.

އެއާއެކު މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅޭނެ ގަވައިދަށް މިހާރު ވުޖޫދުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގަވައިދުގައި މަސްދޯނިފަހަރުގައި ބިދޭސީން ވަޒީފާގައި ގެންގުޅެވޭނެ އުސޫލުތައް ބަޔާންކޮށްފައިވާއިރު، އެކަމުގެ ސަބަބުން ގަވައިދާ ހިލާފަށް މަސްދޯނިތަކުގައި ބިދޭސީން ގެންގުޅޭ މައްސަލައަށް ހައްލެއް ލިބިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"މާނައަކީ ގާތްގަނޑަކަށް ހުރިހާ ދޯންޏެއްގައި ބިދޭސީން ގެންގުޅޭނީ ގައިމު ބޭނުމެއް އޮތީމަތާ. ހަގީގަތަށް ދަންނަވަންޏާ އެންމެ ދޯންޏެއްވެސް ނެތް ބޭރު މީހަކު ނެތް ދޯންޏެއް،" ދޯނީގައި ހުންނަ ބައެއް މަސައްކަތުގައި ބިދޭސީން ބޭނުންވާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އެކަމުގެ ފަހަތުގައި ޒަމާންވީ ބައިވަރު މައްސަލަތަކެއް ހިމެނޭއިރު، އެކަމަށް ދާއިމީ ހައްލެއް ހޯދަން ފަސޭހަނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.