މާޒިޔާ

ގައިޑްލައިނަށް ފެތޭގޮތަށް މާޒިޔާ ޓްރޭނިން ފަށައިފި

އެފްއޭއެމުން އެކުލަވާލި ކޮވިޑް-19 ގެ ގައިޑްލައިނަށް ފެތޭގޮތަށް މާޒިޔާއިން ޕްރެކްޓިސް ފަށައިފި އެވެ.

އެފްއޭއެމުން އެކުލަވާލި ގައިޑްލައިނަށް އެޗްޕީއޭއިން ހުއްދަ ދިނީ އެޗްޕީއޭގެ ކްރައިތީރިއާ ތެރެއަށް ގައިޑްލައިން ފެތޭތީ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިންއާ ބެހޭގޮތުން އެޗްޕީއޭ އާ މަޝްވަރާ ކުރުމުން އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދޭން އެޗްޕީއެޗްޕީއޭއިން ނިންމީ ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެކަން ފާހަގަ ކުރެއްވި އެވެ.

އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މިިދިޔަ ހަފުތާގަ އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. ކުލަބުތަކަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެފްއޭއެމުން ވަނީ މިއަހަރު މިހާތަނަށް ދެ މަރުހަލާއެއްގައި މުއައްސަސާތަކާއެކު މަޝްވާރާ ކޮށްފަ އެވެ.

އެންމެ ފުރަތަމަ މަރުހަލާއަކީ، އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ޓީމަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމަށެވެ. އޭރުވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ކުރިން ހަމަޖެހިފައިއޮތީ، މި މަހު އޭއެފްސީ ކަޕް ފެށުމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕް ކުޅޭ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތު ގޯސްކޮށް އޮތުމުން އޭއެފްސީން މިދިޔަ މަހު ނިންމީ އެ މުބާރާތް ކެންސަލް ކުރުމަށެވެ.

އެފްއޭއެމުން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަށް ފަށުމަށެވެ. އަންނަ ސީޒަނަށް ތައްޔާރުވުމަށް ޕްރެކްޓިސް ފެށި ފުރަތަމަ ޓީމަކީވެސް މާޒިޔާ އެވެ.
އާ ސީޒަނަށް މާޒިޔާއިން ވަނީ މިދިޔަ ސީޒަންގައި ކުލަބު ގްރީން ސްޓްރީޓަށް ކުޅުނު ފޯވަޑް މުހައްމަދު އުމޭރުގެ ސޮއި ހޯދާފަ އެވެ.

މިފަހަރުގެ ގައިޑްލައިންގައި ކޮންމެ ކުލަބެއްގައި ހައިޖީން އޮފިޝަލުން ކަނޑައެޅުމަށް އެފްއޭއެމުން ވަނީ ކުލަބުތަކަށް އަންގާފަ އެވެ. އަދި އެފްއޭއުން ވަނީ ކުލަބުތަކުގެ ހައިޖިން އޮފިޝަލުން ތަމްރީން ކޮށްފަ އެވެ.