ހަބަރު

އައްޑޫ އަވަށު ބޯޑު މެމްބަރުން މުސާރަ ނެގީ ގަވާއިދާ ހިލާފަށް: އޮޑިޓް

އައްޑު ސިޓީ ކައުންސިލް މެމްބަރުންނަށް މުސާރަގެ ގޮތުން ދީފައިވާ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރީ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

މިމަހު އައްވަނަ ދުވަހު އޮޑިޓު ޖެނަރަލް އޮފީހުން ނެރުނު ރިޕޯޓުން ބުނާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން އައްޔަން ކޮށްފައިވާ އަވަށު ބޯޑު މެމްބަރުންނަކީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނާއި ހިލާފަށް އުފައްދަވާފައި މަގާމްތަކެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ އިރު އެމަގާމް ތަކުން ވަކިކުރުމަށް އައްޑޫ ކައުންސިލަށް އަމުރުކޮށްފައިވީ ނަމަވެސް 2013 ގެ ނިޔަލަށް އެމެމްބަރުން މަސައްކަތްކޮށް މުސާރަ ދީފައިވާ ކަމަށެވެ.

އެގޮތުން އެ މެމްބަރުންނަށް މުސާރާގެ ގޮތުގައި ކައުންސިލް އިދާރާގެ ބަޖެޓުން 3،254،733ރ މުޅިޔަކު ހަރަދު ކޮށްފައިވެއެވެ.

މީގެ އިތުރުން އަވަށު ބޯޑު މެމްބަރުންނަށް ވަޒީފާ ދީފައިވީ ނަމަވެސް ވަޒީފާ ދިން ކަމުގެ އެގްރީމަންޓެއް ތައްޔާރުކޮށް ސޮއިކޮށްފައި ނުވާ ކަމަށާއި ވަޒީފާ އަދާ ކުރަމުންދިޔަ އިރު ވަކި ސަބަބުތަކެއް ނާންގައި ގިނަ ދުވަސް ތަކެއް އޮފީހަށް ހާޒިރު ނުވާ އިރުވެސް މުސާރަޔާއި އިނާޔަތްތަށް ހަމަޔަށް ދީފައިވާ ކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މިމައްސަލައާ ބެހޭގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ ގަވައިދާ ހިލާފަށް ފައިސާ ހަރަދު ކުރިކަނތަކާމެދު ޒިންމާއުފުލަން ޖެހޭފަރާތް ތަކަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށާއި އަދި މަގާމް ތަކެއް އުފައްދާ ވަޒީފާ ދީފައިވާތީ މިކަމުގައި ކޮރޮޕްޝަން މައްސަލައެއް އެބަހުރިތޯ ބެލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ހުށެހެޅުމަށެވެ.