ކުރީގެ ސަރުކާރުން 480 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެރެންޓީ ދީފައި ވަނީ، ދައުލަތުން ގެރެންޓީ ދިނުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ދައުލަތުން ދޫކޮށްފައިވާ ގެރެންޓީތަކުގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ދައުލަތުން ގެރެންޓީ ދިނުމުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ފިނޭންސް މިނިސްޓްރީ އިން އައްޔަން ކުރާ ފަރާތެއް ނުވަތަ މިނިވަން އޮޑިޓަރެއް ދިރާސާ ކުރަން ޖެހޭނެ ކަމަށް ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، 484,399,832 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީ ދީފައި ވަނީ އެ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނީ ދައުލަތުން ގެރެންޓީ ދިނުމުގައި ކަނޑައަޅާފައިވާ އެފަދަ ހަރުދަނާ އުސޫލުތަކާ ހިލާފަށް ގެރެންޓީ ދިނުމަކީ އޭގެ ސަބަބުން ދައުލަތަށް އޮންނަ ކްރެޑިޓު ރިސްކު ބޮޑުވެގެންދާ ކަމެއް ކަމަށެވެ.
"އެކަމުގެ ސަބަބުން، ދަރަނި ނަގާ ފަރާތުން ދަރަނި ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ދަރަންޏެއް އަނބުރާ ދެއްކުމުގެ ޒިންމާ ނަގަންޖެހޭނީ ގެރެންޓީ ދިން ފަރާތުން ހައިސިއްޔަތުން ސަރުކާރުން ކަމަށްވާތީ،" އެ ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 327,799,969 އެމެރިކާ ޑޮލަރަށް 5،000 ހައުސިން ޔުނިޓު ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 2016 ވަނަ ދީފައިވާ ގެރެންޓީ އާއި 65,182,000 އެމެރިކާ ޑޮލަރަށް 1،000 ހައުސިންގް ޔުނިޓު އަޅަން ހަމަ އެ ކުންފުންޏަށް ދިން ގެރެންޓީގައި މައްސަލަތަކެއް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
މި ގޮތުން، އޮޑިޓު އޮފީހުން ބުނީ އެ ދެ މަޝްރޫއު ހަވާލުކުރި ކުންފުނިން ޕަފޯމަންސް ސެކިޔުރިޓީ ނުދީގެން، އެ އެއްބަސްވުންތައް 2017 ވަނަ އަހަރު އެޗްޑީސީން ބާތިލު ކޮށްފައިވީ ނަމަވެސް، ސަރުކާރުން ދިން ގެރެންޓީތައް އަނބުރާ ދިން ކަމުގެ އެއްވެސް މައުލޫމާތެއް ފެންނަންނެތް ކަމަށެވެ. އަދި އެކަމަކީ އުސޫލާ ހިލާފު ކަމަކަށްވާތީ، ގެރެންޓީ ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލުކު ރުމާއެކު، ގެރެންޓީ އަނބުރާ ހޯދަން އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.
ކުރީގެ ސަރުކާރުގައި ދައުލަތުގެ ފަރާތުން 24 ފަރާތަކަށް ސޮވެރިން ގެރެންޓީ ދޫކޮށްފައިވާ ކަމަށާއި، އޭގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މިގޮތުން، ސޮވަރިން ގެރެންޓީ ދީފައި ވަނީ އަމިއްލަ އެއް ފަރާތަކަށް ކަމަށާއި، ދެން ހިމެނެނީ ސަރުކާރުގެ ކުންފުނިތައްކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.