ކޮވިޑް-19 އާ ގުޅިގެން ގެސްޓް ހައުސްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވާލާއިރު، ގެސްޓް ހައުސް ވިޔަފާރިވެރިންނަށް ހާއްސަކޮށް ޓްރޭނިން ޕްރޮގްރާމެއް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް މި މުއްދަތުގައި ހުއްދަ ނުދޭނެ އެވެ.
އާ ބަދަލު ތަކާއެކު، މި ވިޔަފާރި އަލުން ހުޅުވާލާއިރު ކޮވިޑާ ގުޅިގެން އަޅާފަައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަަހުލުވެރި ކުރުވަން ޓޫރިޒަމް މިނިސްޓްރީން ހިންގާ 'އެއިފެކް ކޮމްޕްލައިއެންސް އޮފިސާ ޓްރޭނިން ޕްރޮގްރާމް'ގައި 830 މީހުން ބައިވެރި ވި އެވެ. އޭގެތެރޭގައި، 630 ގެސްޓްހައުސް ހިންގާ މީހުންނާއި ރަށްރަށުގެ ކައުންސިލުން 200 މީހުން ބައިވެރިވި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެއިފެކް އަކީ، ޔޫރަޕިއަން ޔޫނިއަންގެ އޯގަނަައިޒޭޝަނެކެވެ. އެއިފެކް އިން ބުނި ގޮތުގައި، މި ކަމުގެ ސަބަބުން ފަތުރުވެރިންނަށް އިތުބާރު ލިބޭނެ ކަމަށާއި ޔޫރަޕްގެ ވިޔަފާރިތަކާއި ރާއްޖޭގެ ވިޔަފާރިތަކުގެ ގުޅުން ބަދަހިވެ ފުރުސަތު ހުޅުވޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ޓްރޭނިންގެ ސަބަބުން، ކޮވިޑުގެ ބަދަލުތަކާއެކު އަލުން ގެސްޓުހައުސްތައް ހުޅުވާލާއިރު، ގެސްޓްހައުސްތަައް ހިންގާ މީހުންނަށް ވިޔަފާރި ފެށުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި، އެޗްޕިއޭގެ ގަވައިދުތަކާ އެއްގޮތަށް އެންމެ ރައްކާތެރިގޮތުގައި ގެސްޓްހައުސް ހިންގާނެ ގޮތްތައް ކިޔައިދެވޭނެ ކަމަށެވެ.
މި ޓްރޭނިން ހިންގަނީ ފަސް ދުވަހުގެ މުއްދަތަށް ދުވާލަކު ދެ ގަޑި އިރަށެވެ. ޓްރޭނިން ނިމުމުން، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާ ގުޅިގެން ޓްރޭނިން ނިންމި ކަމުގެ ސެޓްފިކެޓެއް ބައިވެރިންނަށް ދެ އެވެ.
ރާއްޖޭގައި 600 ގެސްޓްހައުސް ހުރިއިރު، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފައިވާ ގޮތުގައި ގެސްޓްހައުސް ސިނާއަތަށް ކޮވިޑް-19 ގެ ސަބަބުން 30 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ.