ޓެކްނޯލޮޖީ

އެޕަލް ކުންފުންފުންޏަށް 862 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ކެލިފޯނިއާ (ބީބީސީ)- ވިސްކޮންސިން ޔުނިވަސިޓީން އެޕަލް ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އެޕަލްގެ މައްޗަށް ކުށް ސާބިތުވެ 862 މިލިއަނެއްހާ ޑޮލަރުގެ ޖޫރިމަނާއަކާ އެކުންފުނި ކުރިމަތިލާންޖެހިއްޖެ އެވެ.

ވިންކޮންސިން ޔުނިވަސިޓީން ދައުވާ ކުރީ އެ ތަނުގެ މައިކްރޯޗިޕް ޓެކްނޮލޮޖީ އެޕަލް އިން ހުއްދަނެތި ބޭނުން ކުރަމުންދާ ކަމަށް ބުނެއެވެ. މި ޓެކްނޮލޮޖީ އަކީ މައިކްރޯޗިޕްސްގެ ހަކަތަ ފަހި ކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީ އެއް ކަމަށް ވެއެވެ.

ކޯޓުގައި ކުރިޔަށްދިޔަ މި މައްސަލައިގައި ބުނެފައި ވަނީ އެޕަލް އިން މި ޓެކްނޮލޮޖީ އައިފޯން 5 އެސް ، އައިފޯން 6 އަދި 6 ޕްލަސްގައި ބޭނުންކުރާ ކަމަށެވެ. އެންމެ ފަހުން ނެރުނު 6 އެސް އާއި 6 އެސް ޕްލަސް ގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާތީ އެކަމާ ދެކޮޅަށް ވަކި ދައުވާއެއް ކޮށްފައި ވެސް ވެއެވެ.

ހަމަ މި ޓެކްނޮލޮޖީގެ މައްސަލައިގައި މި ޔުނިވަސިޓީން ކުރިން ވަނީ އިންޓެލް ގޮވައިގެން ވެސް ކޯޓަށް ގޮސްފައެވެ. އެހެން ނަމަވެސް އިންޓެލް އާއެކު އެފަހަރު މައްސަލަ ހައްލު ކުރީ ކޯޓުން ބޭރުގަ އެވެ. އިންޓެލްއިން ޔުނިވަސިޓީއަށް ދިން ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ޔުނިވަސިޓީން ބުނީ އަހަރީ ފީއެއް ދައްކައިގެން މި ޓެކްނޮލޮޖީ ބޭނުން ކުރުމަށް އެޕަލްއަށް ހުށަހެޅުމުން އެ ކުންފުނިން އެކަމަށް ފުރަގަސް ދީފައި ވާ ކަމަށެވެ.

އެޕަލްއިން ދައްކަންޖެހޭ ފައިސާގެ ސީދާ އަދަދު ކަނޑައަޅައި ވަރަށް އަވަހަށް ހުކުން އިއްވާނެ ކަމަށް ބެލެވެއެވެ.

އެޕަލްއާއި ވާދަވެރި ސެމްސަންގް އިން ވަނީ މިދިޔަ ހަފތާގައި މިފަދަ މައްސަލަގަނޑަކުން ސަލާމަތް ވެފައެވެ. ގްރެފިކްސް ކާޑު އުފައްދާ ކުންފުންޏަކުން ސެމްސަންގް އާއި ދެކޮޅަށް ކުރި ދައުވާ ކޯޓުން ވަނީ ބޭރު ކޮށްލާފަ އެވެ.