ޒަހާ ވަހީދު

ވައުދު ނުފުއްދާ ކަމަށް ބުނެ ޒަހާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަނީ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރު ކުރުމަށް ނިންމައިިފި އެވެ.

ޒަހާ މާދަމާގެ ޖަލްސާއަށް ހާޒިރުކުރަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރަން ހުށައަޅުއްވާފައިވާ ސުވާލުތަަކަކާއި ގުޅިގެންނެވެ. ޖާބިރު، މިނިސްޓަރު ޒަހާއާ ކުރުމަށް ހުށައަޅާފައިވާ ސުވާލުގައި ވަނީ ދިވެހި ސަރުކާރުން ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމަންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަަހައްޓައި، މަސްވެރި ކަމުގެ ދޮރުތައް ބަންދުކޮށް މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާއިރު މިނިސްޓަރު އަތްއުރާލައިގެން އިންނަވާ ދިވެހި މަސްވެރިންނަށް އިތުރުފުޅު ހައްދަވައި ވެފައިވާ ވައުދުތައް ނުފުއްދަވަނީ ކީއްވެގެންތޯއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ޒަހާ ހާޒިރުކުރަން ނިންމާފައިވާއިރު މަޖިލީސް މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ވަޒީރަކީ ޒަހާއެވެ. ޒަހާ، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށްވެސް އެތަށް މެންބަރަކު ތުހުމަތު ކުރައްވާފައިވެއެވެ. އެ މޭރުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދުވެސް ވާހަކަދައްކަވާފައިވެއެވެ.

ޒަހާ، ވަޒީރު ކަމުގައި ހުންނެވީ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ސްލޮޓެއްގައެވެ. ޒަހާއަކީ ރައީސް މައުމޫންގެ އާއިލީ ބޭފުޅެކެވެ.