ފައިނަލުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮޗިޗް ބަލިކޮށް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން ރަފޭލް ނަޑާލް ހޯދައިފި އެވެ.
ދުނިޔޭގެ ރޭންކިންގެ ދެވަނަ ސްޕެއިންގެ ނަޑާލް މެޗު ކާމިޔާބު ކުރީ 6-0. 6-2 އަދި 7-5 ންނެވެ. މި ކާމިޔާބާއެކު ނަޑާލް ވަނީ އޭނާގެ ދުވަސްވީ އެކުވެރިޔާ ސްވިޒަލޭންޑްގެ ރޮޖާ ފެޑްރާގެ ގްރޭންޑް ސްލޭމް ރެކޯޑާ ހަމަ ކޮށްފަ އެވެ. ދެ ކުޅުންތެރިންގެ ނަމުގައި ވެސް މިހާރު 20 ގްރޭންޑް ސްލޭމް އެބައޮތެވެ.
ފްރެންޗް އޯޕަންގައި ނަޑާލް ކުޅުނު 100 ވަނަ މެޗު އޭނާ ކާމިޔާބު ކުރީ ދެ ގަޑިއިރާ 41 މިނެޓް ތެރޭގަ އެވެ. ފްރެންޗް އޯޕަން 13 ވަނަ ފަހަރު ކާމިޔާބު ކުރުމަށް ފަހު ނަޑާލް ބުނީ ފްރެންޗް އޯޕަން ކާމިޔާބު ކުރުމަކީ ހުރިހާ އެއްޗެއް އޭނާ އަށް ލިބުން ފަދަ ބޮޑު ކާމިޔާބެއް ކަމަށެވެ.
"އަހަރެން ނުވިސްނަން 20 ގްރޭންޑް ސްލޭމް ހޯދައި ރޮޖާގެ ރެކޯޑާ އެއްވަރު ކުރާކަށް،" މުބާރާތް ކާމިޔާބު ކުރުމަށް ފަހު ނަޑާލް ބުންޏެވެ. "މިއަދަކީ ފްރެންޗް އޯޕަންގެ ކާމިޔާބު، އެއީ އަހަންނަށް ހުރިހާވެސް އެއްޗަކީ، އަހަންނާއި މި ކޯޓާއި މި ސިޓީއާ ދެމެދު އޮތް ލޯބީގެ ގުޅުމަކީ ހަނދާން ނައްތާ ލެވޭނެ ކަމެއް ނޫން."
މެޗުގެ ކުރިން ޖޮކޮވިޗްވެސް ބުނެފައި ވަނީ ރޮލެންޑް ގަރޮސްގެ ނަމުން މަޝްހޫރު ވެފައިވާ ފްރެންޗް އޯޕަން އަކީ ނަޑާލްގެ އަމިއްލަ ގެ ކަމަށެވެ.