ޔޫއޭއީގެ ޑިނާޓާ ކުންފުންޏަކާ ގުޅިގެން މެދު އިރުމަތީގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.
ދިހަ މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އޮތް އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި އެމިރޭޓްސް ގްރޫޕުގައި ހިމެނޭ "ޑިނާޓާ" ކުންފުންޏާ ގުޅިގެން ފަށާފައިވާ ކެމްޕޭންގެ ދަށުން ރާއްޖޭގެ ޓެގްލައިންތައް އިޝްތިހާރު ކުރާނެ އެވެ. ރާއްޖެ އިސްތިހާރު ކުރަން ބޭނުން ކުރާ ދެ ޓެގްލައިނަކީ "ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް" އެވެ. އޭގެ އިތުރުން ކޮވިޑުގެ ބަންދަށް ފަހު އަލުން ބޯޑަރު ހުޅުވި ފަހުން "ރިޑިސްކަވާ މޯލްޑިވްސް" ވެސް ބޭނުން ކުރެ އެވެ.
ޓޫރިޒަމް ޕްރޮމޯޓް ކުރަން މާއެދެވޭ މަސައްކަތެއް ނުކުރެވޭތީ އިންޑަސްޓްރީގެ ނުހުރުން ކުރިމަތިވެފައިވާ، އެމްއެމްޕީއާރްސީން ބުނި ގޮތުގައި ޓްރެވަލް ހިދުމަތް ދިނުމުގައި 60 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑިނާޓާ ކުންފުންޏާ ގުޅިގެން ހިންގާ މި ކެމްޕޭންގެ ދަށުން އެ ކުންފުނީގެ ވެބްސައިޓުގައި ރާއްޖެއާ ބެހޭ ހާއްސަ ޕޭޖެއް ދެ މަސް ދުވަހަށް ޕްރޮމޯޓް ކުރާނެ ކަމަށެވެ.
ޔޫއޭއީގެ ޑިނާޓާ ކުންފުންޏަކީ ޔޫއޭއީ އާއި ޖީސީސީގެ ގައުމުތަކަށް ހާއްސަ ސްޓޯތަކާއި ކޯލް ސެންޓަރުތައް އަދި ވެބްސައިޓްތަކުގެ އިތުރުން ސޯޝަލް މީޑިއާ މާކެޓިން ހިންގާ ކުންފުންޏެކެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕޭންގެ ސަބަބުން މެދުއިރުމަތިން ރާއްޖެއަށް ޓޫރިސްޓުން ގެންނަން މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ. މި ކެމްޕޭންގެ ދަށުން "އެމިރޭޓްސް ވުމެން" މަޖައްލާގައި ވެސް ރާއްޖެ އިސްތިހާރު ކުރާނެ އެވެ.
މިދިޔަ އަހަރު މެދުއިރުމަތިން ރާއްޖެ އަށް އައީ 60،003 މީހުންނެވެ. މިއީ 2018 އާ އަޅާބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި 15 ވަނަ ދުވަހު އެވެ. ހުޅުވުމާއެކު މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 22،000 ޓޫރިސްޓުންނެވެ. ސަރުކާރުން ކުރިން ބުނީ މި އަހަރު އަންނާނެ ކަމަށް ލަދާ ކުރެވެނީ 800،000 ޓޫރިސްޓުން ކަމަށެވެ. ނަމަވެސް ފަހުން ބުނެފައިވަނީ މި އަހަރު 100،000 ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު އަންދާޒާއަކީ އަންނަ އަހަރު އަންނާނީ 700،000 ޓޫރިސްޓުންނެވެ.