ސްރީލަންކާ

މީހުން ދަންޖެއްސުމުގެ ވަޒީފާ ލަންކާއިން ދެ މީހަކަށްދީފި

ކޮލަންބޯ (ބީބީސީ) - މީހުން ދަންޖެއްސުމުގެ ވަޒީފާ ދެ މީހަކަށް ދީފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފި އެވެ.

ކުރިން މި ވަޒީފާގައި ހުރި މީހާ ވަނީ ދަންޖައްސަން ބޭނުންކުރާ ވަސީލަތްތައް ފުރަތަމަ ފަހަރަށް ފެނުނު ހިސާބުން ވަޒީފާ ދޫކޮށްލާފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު މި ވަޒީފާއަށް ނެގި ދެމީހުންވެސް ވަޒީފާއަށް ނުކުމެފައެއް ނުވެއެވެ.

ލަންކާއިން މީހުން ދަންޖެއްސުމުގެ ވަޒީފާގައި އަބަދުވެސް ކޮންމެވެސް ބަޔަކު ބޭތިއްބި ނަމަވެސް 1976 ވަނަ އަހަރުގެ ފަހުން އެއްވެސް މީހަކު ދަންޖައްސާފައެއް ނުވެއެވެ. އަދި މި ވަޒީފާއަށް ނަގާ މީހުންނަށް އޮންނާނީ އާދައިގެ އިދާރީ މަސައްކަތްތައް ކަމަށް ލަންކާ ސަރުކާރުން ކުރިން ބުނެފައި ވެއެވެ.

ލަންކާގެ ޖަލުތަކާއި ބެހޭ ވެރިޔާ ވިދާޅުވީ ސަރުކާރުން މީހުން ދަންޖައްސަން ބޭނުން ވެއްޖެ ހިނދެއްގައި އެކަން ކުރެވޭނޭހެން އިންތިޒާމުތައް ހަމަޖައްސާފައި ބެހެއްޓުން މުހިންމު ކަމަށެވެ.

ލަންކާގައި މިހާރުވެސް މެރުމަށް ހުކުން ކޮށްފައި ތިބި 1116 ކުށްވެރިން ތިބިއިރު، ވޭތުވެދިޔަ 40 އަހަރުވެސް މަރުގެ ހުކުން އިއްވޭ ފަރާތްތަށް ލަނީ އުމުރު ދުވަހަށް ޖަލަށެވެ. މިދިޔަ މަހު ލަންކާ ސަރުކާރުން ވަނީ މަރުގެ ހުކުން ތަންފީޒު ނުކުރާނެ ކަމަށް ރަސްމީކޮށް އިއުލާނު ކޮށްފައެވެ.

މީހުން ދަންޖެއްސުމުގެ ވަޒީފާއަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލީ މީހަކު ބުނީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މީހުން މެރިމާއި ކުޑަކުދިން ރޭޕް ކުރުމުގެ އަމަލުތައް ހިންގާ މީހުން ދެކެ ވަރަށް ރުޅި އަންނަ ކަމަށާއި އެފަދަ މީހަކު ދަންޖައްސަން ޖެހިއްޖެ ނަމަ އެކަމަށް ފަސް ނުޖެހޭނެ ކަމަށެވެ. އެހެން މީހަކު ބުނީ ވަޒީފާ ދިނުމަށްފަހު، މަރުގެ ހުކުން ތަންފީޒު ނުކުރާނަމަ އޭނާ ވަޒީފާ ދޫކޮށްލާނެ ކަމަށެވެ.

ދެހާސް ވަނަ އަހަރު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުނު ފަހުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ރޭޕް ކުރުމާއި، މީހުން މެރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުން އިތުރުވެފައި ވާތީ، މަރުގެ ހުކުން އަލުން ތަންފީޒު ކުރަން ފެށުމަށް އެގައުމުގެ ސަރުކާރަށް ގޮވާލާ ގޮވާލުންތައް ވަނީ އިތުރުވެފައެވެ.

މަރުގެ ހުކުމާއި ދެކޮޅުކަމަށް ލަންކާ ސަރުކާރުން މިދިޔަ ހަފްތާގައި ބުނި ނަމަވެސް، އާންމުން މިކަމަށް އެދޭތީ، ގާނޫނު ހަދާ މަޖިލީހުން މަރުގެ ހުކުމަށް ތާއީދު ކޮށްފިނަމަ، އެކަމަށް ތާއީދު ކުރައްވާނެ ކަމަށް ލަންކާގެ ރައީސް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.