ވިޔަފާރި

ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓް ބަހައްޓާނެ ބަޔަކު ހޯދަނީ

Oct 12, 2020

ހއ. ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓެއް ބަހައްޓައި ދޭނެ ބަޔަކު ހޯދަމަށްޓަކައި ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު، ފެނަކަ ކޯޕަރޭޝަން ހުޅުވާލައިިފި އެވެ.

ފެނަކައިގެ އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ބޮޓްލިން ޕްލާންޓެއް ގަތުމަށް ޝައުގުވެރިކަން ފާޅުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެކަމަކު، އެ އިއުލާނުގައި މި ޕްލާންޓް ބަހައްޓަނީ ކޮން ރަށެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އިނިގޭސި ބަހުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މި ޕްލާންޓް ބަހައްޓަން ނިިންމާފައިވަނީ ހއ. ހޯރަފުށީގަ އެވެ.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތް ތަކުން މި މަހުގެ 15 ގެ ކުރިން މައުލޫމާތު ސާފު ކުރުމަށްފަހު، ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިމަހުގެ 22 ގެ ކުރިން ލިބޭނެ އެވެ،

ފެނަކަ ކޯޕަރޭޝަނުން ވަނީ ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓެއް ބަހައްޓަން، އެ ރަށުގެ ކައުންސިލާއެކު މި އަހަރުގެ ޖެނުއަރީ މަހު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މި މަސައްކަތްކަތާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ޕްލާންޓު ބަހައްޓައި މަސައްކަތް ފަށާނީ، ހޯރަފުށީ ކައުންސިލްގެ ހިއްސާ އޮންނަ ގޮތަށް ހަދާ ޖޮއިންޓްވެންޗާ (ޖޭވީ) އަކުންނެވެ. އޭރު އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހޯރަފުށީގައި ބަހައްޓަނީ ދުވާލަކު 10،000 އާއި 12،000 އާ ދެމެދުގެ އަދަދަކަށް ފެން ފުޅި ބަންދު ކުރެވޭ ޕްލާންޓެކެވެ.