ޔޫރޯގެ ކޮލިފައިންގެ ޕްލޭއޮފް ބުރުން ކަޓައިގެން ދިޔަ ނޯވޭއިން ޔޫއެފާ ނޭޝަން ލީގްގައި ރޮމޭނިއާ އާ ދެކޮޅަށް އާލިންގް ހާލޭންޑް ކާމިޔާބު ކުރި ހެޓްރިކާއެކު ހަމަޖެހުމުގެ ނޭވާއެއް ލައިފި އެވެ.
ގައުމީ ޓީމަށް ހާލޭންޑް ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކާ އެކު ނޯވޭ މެޗު ކާމިޔާބު ކުރީ 4-0 ންނެވެ. ހާލޭންޑްގެ ތިން ވަނަ ލަނޑަކީ ތަފާތު މޮޅު ލަނޑެކެވެ. ރޮމޭނިއާގެ އޭރިއާ ތެރޭގައި އެ ޓީމު މުޅި ޑިފެންސް ތިބިއިރު ހާލޭންޑް ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރުންގެ ކައިރިން ނައްޓާލުމަށް ފަހު އެވެ.
އޭނާ ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މާޓެން އޮޑެގާޑް އެވެ. ހާލޭންޑް ވަނީ އޮޑެގާޑް ތަނަވަސްކޮށް ދިން ފުރުސަތުތަކަށް ޝުކުރުވެރިވާކަން ދަނޑުމަތީގައިވެސް ހާމަ ކޮށްފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ހާލޭންޑް ބުނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ މެޗު ބޯޅަ އޮޑެގާޑް އާ ހިއްސާ ކުރާ ކަމަށެވެ. ހާލޭންޑްގެ ދެ ވަނަ ލަނޑު ޖަހަން އޮޑެގާޑް ބޯޅަ ތަނަވަސް ކޮށްދިނީ އޭނާއަށްވެސް އެ ބޯޅަ ޖެހެން އޮއްވަ އެވެ.
"އޮޑެގާޑް އާ އެކު ކުޅުމަކީ ވަރަށް ހިތްގައިމު ކަމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ހާލޭންޑް ބުންޏެވެ. "ކުރިއަށް އޮތް އަހަރުތަކުގައި އަހަރެމެންގެ ކޮމްބިނޭޝަން އިތުރަށް ރަނގަޅުވާނެ އަހަރެމެން އަދިވެސް ވަރަށް ޒުވާން."
މެޗުގައި ނޯވޭގެ ލަނޑު އަނެއް ލަނޑު ކާމިޔާބު ކުރީ އެލެކްޒެޑާ ސޯލަތު އެވެ.