ހަބަރު

ފަޅުގައި ގެދޮރު އެޅުމުގެ ޕްލޭނެއް ހަދައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށުގެ ފަޅު ތެރޭގައި ގެދޮރު އަޅައިގެން ދިރިއުޅެވޭނެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ހައުސިންގް އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދުގެ އެދިވަޑައިގަތުމަކަށް މަޖިލީހާ ހިއްސާ ކުރައްވަމުން އަސްލަމް ވިދާޅުވީ ފަޅުގައި ގެ އެޅުމުގެ ހިޔާލު ހިއްސާ ކުރެއްވުމުން ގިނަ ފާޑުކިއުންތަކެއް އަމާޒުވި ކަމަށެވެ. އެކަމަކު މޫސުމަށް އަންނަ ބަދަލުތަކާއެކު ދިވެހިން ދިރިއުޅުމަށް ބިން ބޭނުން ކުރެވޭނޭ ގޮތެއް ހޯދުމަކީ މިވަގުތު ކުރަންޖެހޭ ކަމެއްކަމަށް ވާއިރު، ފަޅުގައި ގެދޮރު އެޅުމުގެ ހިޔާލު ދޫކޮށްލަން ބޭނުންފުޅު ނުވާ ކަމަށެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިހާރު އެބައޮތް މޮޑެލެއް ހަދާފައި، އެގޮތަށް ބިން ބޭނުން ކުރެވޭނެ. މުޅިން ފުރިހަމަ ނުވި ނަމަވެސް ކޮންސެޕްޓެއް އަޅުގަނޑުމެނަށް އެބައޮތް ހެދިފައި،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ފަޅު ހިއްކައިގެން ލިބޭ ބިންކޮޅުގެ އަގު، އެކަން ނުކޮށް ސީދާ ފަޅުގައި ގެ އެޅުމާ ވަރުން އަޅުވަންޖެހޭ ކަމަށެވެ.

"ބިން ހިއްކާފައި އެ ލިބޭ ޑްރައި ލޭންޑްގެ ވެލިއުއާ އަޅުގަނޑުމެން މިދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން އެ ދާ އަގާއި އަކަފޫޓަކަށް ދާ އަގާއި މި ދޭތީގެ ހުރި އަގުގެ ތަފާތުން އަޅުގަނޑުމެން މިނާފައި ކޮންގޮތަކަށްތޯ އަޅުގަނޑުމެން ދާންވީ އޭގެ މިކްސްޗާއެއް އޮންނަންވީ ކިހިނެއްތޯ،" ބިމުގެ ގޮތުގައި ބަލަނީ ހިކިފަސް ތަންތަން އެކަނި ނޫންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އެ ޕްލޭނުގެ ދަށުން ރާއްޖޭގެ ބިން މަދުވުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބުނު ނަމަވެސް، ބިމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މޫދުގައި ގެދޮރު އެޅުމުގެ ވާހަކަ މިދިއަ ފެބްރުއަރީ މަހު ވެސް އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ދައްކަވައިފަ އެވެ.