ކުޅިވަރު

ސަލްފޯޑްގެ ވަގުތީ ކޯޗަކަށް ސްކޯލްސް

އިނގިރޭސި ލީގް ދޭއް ގައި ވާދަ ކުރަމުން އަންނަ ސަލްފޯޑް ސިޓީގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އަދި ކުރީގެ ކުޅުންތެރިޔާ ޕައުލް ސްކޯލްސް ހަމަޖައްސައިފި އެވެ.

ވަގުތީ ކޯޗެއްގެ ގޮތުގައި ސްކޯލްސް ހަމަޖެއްސީ، ސަލްފޯޑްގެ ކޯޗަކަށް ހުރި ގުރަހަމް އެލެގްޒެންޑާ މަގާމުން ވަކި ކުރުމަށް ފަހު އެވެ. ސަލްފޯޑްގެ ކޯޗަކަށް އެލެގްޒެންޑާ ހަމަޖެއްސީ މެއި 2018 ގަ އެވެ. އާ ސީޒަންގައި ލީގް ދޭއް (ހަތަރު ވަނަ ޑިވިޝަން) ގައި ކުޅުނު ފަސް މެޗުންވެސް އޭނާގެ ކޯޗް ކަމުގެ ދަށުން ސަލްފޯޑް ބަލިވެފައެއް ނުވެ އެވެ. ދެ މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވީއރު އެ ޓީމު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އޮޓޮމެޓިކް ޕްރަމޯޝަން ޒޯނުން ބޭރުގަ އެވެ.

ކުއްލިގޮތަކަށް އެލްގެޒެންޑާ މަގާމުން ވަކި ކުރުމަށް ފަހު ސަލްފޯޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިއަދު ހެނދުނު އޭނާ އާ ބައްދަލުކޮށް ކުރި މަޝްވާރަތަކަށް ފަހު އޭނާ ކޯޗް ކަމުން ދޫކޮށްލަން އެއްބަސް ވެފައިވާ ކަމަށެވެ. އަދި ދާއިމީ ކޯޗަކު ހަމަޖެއްސުމުގެ މަރުހަލާގައިވާާއިރު ކޯޗަކު ހަމަޖެއްހެންދެން ވަގުތީ ކޯޗެއްގެ ގޮތުގައި ސްކޯލް ހަމަޖައްސާފައިވާ ކަމަށްވެސް ކުލަބުގެ ބަޔާނުގައި ބުނެފައި އެވެ.

ސްކޯލްސްގެ އެސިސްޓެންޓެއްގެ ގޮތުގައި، ކުލަބުގެ ރިޒާވް ޓީމުގެ ކޯޗް ވަރެން ޖޮއިސް ހަމަޖައްސާފައިވާ ކަމަށްވެސް ކުލަބުން ހާމަ ކޮށްފައި ވެއެވެ. ކޮވިޑް-19 ގެ އަސަރު ކުރުމުން ވަރެން މިވަގުތު ހުރީ އެކަހެރި ވެގެންނެވެ. އެކަމުން މިންޖުވީހާ އަވަހަކަށް ސީނިއާ ޓީމުގެ މަސައްކަތަށް އޭނާ ނުކުންނާނެ ކަމަށްވެސް ކުލަބުން ބުނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން މަޝްހޫރުވި "ކްލާސް 92" ގެ މަޝްހޫރު ހަ ކުޅުންތެރިންގެ ތެރޭގައި ސްކޯލްސް ހިމެނެ އެވެ. ޔުނައިޓެޑްގެ ލެޖެންޑެރީ ކޯޗް، އެލެކްސް ފާގަސަން އެ ކުލަބުގެ ސީނިއާ ޓީމުން 1992 އަހަރު ފުރުސަތު ދިން ހަ ކުޅުންތެރިންނަށް ނިސްބަތްކޮށް އުފައްދާފައިވާ ޑޮކިޔުމެންޓްރީގެ ނަމަކީ "ކްލާސް 92" އެވެ. ކްލާސް 92 ގައި ދެން އޭނާ އާއެކު ހިމެނުނު އަނެއް ފަސް ތަރިންނަކީ ސަލްފޯޑްގެ މިހާރުގެ ހިއްސާ ދާރުންނެވެ. ޑޭވިޑް ބެކަމް، ރަޔާން ގިގްސް، ނިކީ ބަޓް އަދި ގެރީ އާއި ފިލް ނެވީލްގެ ނަމުގައި ސަލްޯޑްގެ ޖުމުލަ 60 ޕަސަންޓް ހީއްސާ އެބައޮތެވެ. ބާކީ 40 ޕަސަންޓް ހިއްސާގެ މިލުކުވެރިޔަކީ ސްޕެއިންގެ ވެލެންސިއާގެ އޯނަރު ސިންގަޕޫރުގެ މަހުޖަނު ޕީޓާ ލިމް އެވެ.

ސްކޯލްސް، 45 ވަނީ މިދިޔަ އަހަރު ލީގް ދޭއްގެ ކުލަބު އޯލްޑްހަމް އެތުލެޓިކްއަށް ހަތް މެޗުގައި ކޯޗް ކޮށްދީފަ އެވެ. އެއް މެޗުން މޮޅުވިއިރު ތިން މެޗުން ބަލިވެ ތިން މެޗުން އެއްވަރުވީއެވެ. އެ ޓީމުގައި އެއް މަހު މަސައްކަތް ކުރުމަށް ފަހު، އެ ޓީމުގެ ކޯޗް ކަމުން ސްކޯލްސް ވަކިވީ އަމިއްލަ އަށެވެ. އޭރު އިސްތިއުފާ ދިނުމަށް ފަހު ސްކޯލްސް ބުނެފައި ވަނީ އެ ކުލަބުގެ އޯނަރު މޮރޮކޯގެ އަބްދުﷲ ލެމްސާގަމް ދޭނެ ކަމަށް ވައުދުވި އެއްބާރުލުން އޭނާގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ.