ހަބަރު

ދިރާސީ އަހަރު ފެށި އިރު އޮތް އުފަލަކީ ޓީޗަރުންގެ މުސާރަ ބޮޑުވުން: މިނިސްޓަރު

Jan 11, 2015

މި އަހަރުގެ ދިރާސީއާ އަހަރު ފެށޭއިރު ލިބޭ އެންމެ ބޮޑު އުފަލަނީ މުދައްރިސުންގެ މުސާރަ ބޮޑު ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ވިދާޅުވީ ދިރާސީ އާ އަހަރަކާ ކުރިމަތިލާއިރު މިއަދުގެ ތަހްނިޔާއާ ހެޔޮ އެދުންތައް ލޮބެވެތި ދަރިވަރުންނާ، އެ ދަރިވަރުންގެ ބެލެނިވެރިންނަށް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއަހަރުގެ ދިރާސީ އަހަރާ މިއަދު އަޅުގަނޑުމެން ކުރިމަތިލާއިރު، ގްރޭޑް އެކެއް ދޭއް އަދި ތިނެއްގެ ގައި ތަންފީޒު ކުރެވެމުން ދަނީ ގައުމީ މަންހަޖު. މިއަދު ތަންފީޒުކުރަންފަށާ ޤައުމީ މަންހަޖުން ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ މައިގަނޑު އަށެއްގެ ގާބިލިއްޔަތަކީ، އިސްލާމް ދީނާ އެއްގޮތަށް ޢަމަލުކުރުމާ، ނަފްސް ދެނެގަތުމާ ތަންޒީމު ކުރުމާ، ބިނާކުރުވަނިވި އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނުމާ، އެހެންމީހުންނާ ގުޅިގެން އުޅުމާ، ދޭހަވުމާ ދޭހަ ކޮށްދިނުމުގެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާ، ދެމެހެއްޓެނިވި ތަރައްގީއަށް ޢަމަލުކުރުމާ އަދި ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި މުދައްރިސުން ގެ ގާބިލްކަން އިތުރުކުރުމަށް ހިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ލިބިވަޑައިގަންވާގޮތަށް މަތީ ތައުލީމުގެ 100 ފުރުސަތު މިމަހުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ އިތުރުން އެ ބޭފުޅެއްގެ ރަށުގައި ހުންނަވައިގެން ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތުތަކެއް ވެސް މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެ. މި ފުރުސަތުތައް އަމާޒުކުރެވޭނީ ސްކޫލްތަކުގެ ޓީޗަރުންނަށާ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަދި ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމު ގެ ގޮތުން ޕްރިންސިޕަލުންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމުގެ ހާއްސަ މަސައް ކަތްތަކެއްވެސް މިއަހަރުތެރޭގައި ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިސްކަމެއް ދޭކަމަށެވެ.