"ސިމްބާ" ބްލޮކްބަސްޓާ ވުމަށް ފަހު ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު ރަންވީރު ސިންގް ގުޅިގެން މުޅިން އާ ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ. މިފަހަރު އުފައްދަން ގަސްތުކޮށްފައި ވަނީ ކުރީ ޒަމާނުގެ ވަރަށް މަޖާ ފިލްމެއް ކަމަށްވާ "އަންގޫރް" ގެ ރިމޭކް އެކެވެ.
ސަންޖީވް ކުމާރާއި ދޭވެން ވަރުމާ ވަރަށް ހެއްވާ މަޖާ ބައިތަކެއް ކުޅެފައިވާ މި ފިލްމަކީ ގުލްޒާރު އުފެއްދި ފިލްމެކެވެ. ކޮމެޑީ ފިލްމުތައް ބަލާހިތްވާ މީހުންނަށް "އަންގޫރް" އަކީ ވަރަށް ހަނދާން ނައްތާލަން އުނދަގޫ ފިލްމެކެވެ.
"އަންގޫރް" ރިމޭކެއްގެ ޚިޔާލު ރޯހިތު ގެންގުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިއަށް އަމަލީ ސިފަ އަންނަގޮތްވީ ސަންޖީވް ކުމާރުގެ ރޯލު ކުޅެން ރަންވީރު އެއްބަސް ވުމުންނެވެ.
ޝާހްރުކް ޚާން ލައިގެން "އަންގޫރް" ރިމޭކް ފަށަން 2015 ގައި ވެސް ރޯހިތު މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބި އެ ފަހަރު ރޯހިތު ޝާހްރުކު އާއެކު އުފެއްދީ "ދިލްވާލޭ" އެވެ. އޭގެ ފަހުން "ގޯލްމާލް އެގެއިން" އާއި "ސިމްބާ" އަދި "ސޫރިޔަވަންޝީ"ގެ މަސައްކަތުގައި ރޯހިތު ބިޒީވެގެން މި ފިލްމާ އަޅާ ނުލެވި އޮތީ އެވެ.
ލޮކްޑައުން ތެރޭގައި ރޯހިތު ވަނީ "އަންގޫރް"ގެ ސްކްރިޕްޓްގެ ބޮޑު ބައެއް ފުރިހަމަ ކޮށްފަ އެވެ. ނަމަވެސް އެހެން ގިނަ ޑައިރެކްޓަރުން ގޮތަށް ސީދާ މި ފލްމު ކޮޕީކުރުމުގެ ވިސްނުމެއް ރޯހިތުގެ ނެތެވެ.
މިސާލަކަށް ރޯހިތުގެ "ބޯލް ބައްޗަން" އަކީ ވެސް ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ގޯލްމާލް"ގެ ރިމޭކް އެކެވެ. ނަމަވެސް އެ ފިލްމަށް ވަރަށް މަޖާ ބޮޑެތި ބަދަލުތަކެއް ރޯހިތު ގެނެސްފައި ވެއެވެ. އެގޮތުން "އަންގޫރް" ރިމޭކުން ވެސް މިފަދަ ބަދަލުތަކެއް ފެންނާނެ އެވެ. އެގޮތުން "އަންގޫރް"ގެ ވާހަކަ ވެސް މި ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
"އަންގޫރް" ގައި ސަންޖީވް ކުޅެފައިވަނީ ޑަބަލް ރޯލެވެ. މުޅިން އެއްވައްތަރު އެއްމާބަނޑު ދެބެން އޮޅިގެން ހިނގާ ވަރަށް މަޖާ ކަންތައްތައް މި ފިލްމުން ފެންނާނެ އެވެ. މިފަހަރުގެ "އަންގޫރު"ގައި ރަންވީރު ޑަބަލް ރޯލު ކުޅޭނެ އެވެ. މި ފިލްމުގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މިހާރު ހަމަޖެހިފައި އޮތީ "އަންގޫރް" ރިމޭކް ނިންމާފައި ރޯހިތު "ގޯލް މާލް 5"ގެ މަސައްކަތް ފަށާ ގޮތަށެވެ. "ގޯލް މާޅް 5"ގެ ބަތަލަކީ އަޖޭ ދޭވްގަން އެވެ.