ހަބަރު

އޮޅުވާލައިގެން ގޯތި ރަހުނުކުރި ދެމީހަކު ތަހުގީގަށް ހޯދަނީ

Oct 13, 2020
1

ގޯތި އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ބެންކުގައި މޯގޭޖް ކުރުމަށް ފަހު އަމިއްލަ ބޭނުމެއްގައި ލޯނު ނެގި ތުހުމަތަށް ދެ މީހަކު، ތަހުގީގަށް ހާޒިރު ކުރުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ދެމީހެއްގެ ފޮޓޯ އާއެކު ފުލުހުން އިއުލާން ކުރީ، މާލެއިން ގޯއްޗަކާއި ވިލިމާލެއިން ދެ ގޯއްޗެއް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ "އޭ ބޮސް ޕްރައިވެޓް ލިމިޓެޑު" ގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށް ފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެނެވެ.

ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ޗިޓް ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރު ކުރުމަށް ހޯދަނީ މާލޭ ދަފްތަރު ނަންބަރު 6562، ހުސައިން ނަޞީރު 50، އާއި ދަފްތަރު ނަންބަރު 6630، އާމިނަތު ލަތީފާ 48، އެވެ.