ފުޓްބޯޅަ ލީގްތަކުގެ އެއް ވަނައިގައި އަދިވެސް އޮތީ އިނގިރޭސި ޕްރިމިއާ ލީގް ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ވިދާޅުވެއްޖެ އެވެ.
ޓެބަސް ވިދާޅުވީ އޭނާގެ ދައުރުގައި ލަލީގާ ފުޅާ ކުރަން ކުރި ގިނަ މަސައްކަތްތަކެއް ކާމިޔާބު ވެފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް އެއް ވަނައިގައި އޮތީ ޕްރިމިއާ ލީގް ކަމަށެވެ. އޭނާ ބުނީ ޕްރިމިއާ ލީގް އެއް ވަނައިގައި އޮތީ އިކޮނޮމިކް ދާއިރާގައި ކުރީގައި އޮތުމުން ކަމަށެވެ.
"މޮންގޯލިއާ އާއި ގްރީން ލޭންޑަށް ވެސް އަހަރެމެން މިވަނީ ފުޅާ ކޮށްފަ އެއީ އިގްތިސޯދީ ގޮތުން މާބޮޑު ފައިދާތަކެއް ވެސް ލިބެން ހުރި ސަރަހައްދެއް ނޫން، ޖޫންއިން ފެށިގެން ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ލަލީގާ ފެންނަމުން ދާނެ،" އިޓަލީގެ ގެޒެޓާ ޑެލޯ ސްޕޯޓަށް ދިން އިންޓަވިއުގައި ޓެބަސް ވިދާޅުވި އެވެ.
"އަހަރެމެންގެ ދެން އޮތް އަޒުމަކީ ޕްރިމިއާ ލީގް ބީޓް ކުރުން، ލަލީގާގެ އޮފީސްތައް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިހެން ވަނީ ގާއިމު ކުރެވިފަ، އެތައް ސަތޭކަ މުވައްޒަފުން ދަނީ އަހަރެމެންނާއެކު މަސައްކަތް ކުރަމުން، ވަރަށް މުހިންމު ކަމެއް އެންމެ އާބާދީ ބޮޑު އަދި އެންމެ މުއްސަނދި ގައުތަކުގައި ވެސް ދެމިތިބުން، އަދި އެގައުމުތަކުން ލޯކަލް ސްޕޮންސަރުން ހޯދައި އިގްތިސޯދީ ގޮތުންވެ ވަރުގަދަ ވުން."
އޭނާ ބުނީ ލަލީގާގެ ރައިސް ކަމުގައި އޭނާ ހޭދަ ކުރަމުންދާ ހަތް އަހަރު ތެރޭގައި އިގްތިސޯދީ ގޮތުންވެސް ޕްރިމިއާ ލީގާ ފަރަގު ކުޑަ ކޮށްފައިވާނެ ކަމަށެވެ. އަދި އޭނާގެ ދައުރުގައި ލަލީލާގެ ފައިދާ ދެގުނަ ކޮށްފައިވާނެކަން ވެސް ޓެބަސް ފާހަގަ ކުރި އެވެ.
މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ބާސެލޯނާ ދޫކޮށްލަން އުޅުނު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާ ބެހޭގޮތުން ޓެބަސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ މެސީ ބާސެލޯނާގައި ހުރުމަކީ އޭނާ އބަަދުވެސް އުންމީދު ކުރާ ގޮތް ކަމަށެވެ. މެސީގެ މަގުބޫލު ކަމުގެ ސަބަބުން ގިނަ ސްޕޮންސާތަކެއް ލަލީގާއަށް އަންނަކަން ޓެބަސް ފާހަގަ ކުރި އެވެ.
ރެއާލް މެޑްރިޑް ދޫކޮށް ދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ ދޫކޮށް ދިޔަ ނޭމާގެ ސަބަބުން ލަލީގާއަށް އަސަރުތަކެއް ނުކުރާކަން ޓެބަސް ފާހަގަ ކުރި އެވެ. އޭނާ ބުނީ ސްޕޮންސާ ދޭ އެއްވެސް ފަރާތަކުން އެކަން މަޑުޖައްސާލަން އަންގާފައި ނުވާ ކަމަށެވެ.