މާޒިޔާ

ޓީމުން ފެނުނީ އެދިއެދި ތިބި މިންވަރު

ގިނަ ދުވަސްތަކަކަށް ފަހު ޕްރެކްޓިސް އަލުން ފެށިއިރު ކުޅުންތެރިން ފަރާތުން ފެނިގެންދިޔައީ ބުރަަކޮށް މަސައްކަތް ކުރުމަށް ދަހިވެތިވެފައިވާ މަންޒަރު ކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ގައުމީ ފެންވަރުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އެޗްޕީއޭ އިން މިދިޔަ ހަފުތާގައި ދިނުމުން މާޒިޔާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޕްރެކްޓިސް ފަށާފަ އެވެ.

ޖުލައި މަހު މާޒިޔާގެ ކޯޗް ކަމާ ހަވާލުވި ނިޒާމްގެ ކޯޗް ކަމުގެ ދަށުން މާޒިޔާއިން ވަނީ މީގެ ކުރިން އޯގަސްޓް މަހު ޕްރެކްޓިސް ކޮށްފަ އެވެ. އޭއީ މިމަހު ކުޅޭ ގޮތަށް ކުރިން ހަމަޖެހިފައި އޮތް އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތަކަށް ތައްޔާރު ވުމަށެވެ. އެހެންނަމަވެސް އޭއެފްސީން ވަނީ މިހާރު އެ މުބާރާތް ކެންސަލް ކޮށްފަ އެވެ.

ނިޒާމްގެ ކޯޗް ކަމުގެ ދަށުން މާޒިޔާއިން ދެ ވަނަ ފަހަރަށް ފެށި ޕްރެކްޓިސް އަންނަ ސީޒަން ނިމެންދެން ދިގު މުއްދަތަކަށް މެދުކަނޑާނުލައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ. އޭނާ ބުނީ ގިނަ ދުވަސްތަކަކަށް ފަހު ޕްރެކްޓިސް ފެށިއރު ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

މިދިޔަ ސީޒަންގައި މާޒިޔާގައި ކުޅުނު ލޯކަލް ހުރިހާ ކުޅުންތެރިންހެން ޓީމު މަޑު ކުރިއިރު އެ ޓީމުގެ ސްކޮޑަށް މުހައްމަދު އުމޭރު އާއި މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) ވަނީ އިތުރު ވެފަ އެވެ. ޔޫތު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާ ކުރަށްވަމުން އަންނަ އަސްހަދު އަދި މާޒިޔާއަށް ރަސްމީކޮށް ސޮއި ކުރައްވާފަ އެއް ނުވެ އެވެ. ނިޒާމް ބުނީ އެ ދެ ކުޅުންތެރިން މާޒިޔާގެ ސްކޮޑަށް އިތުރުވުމުން މުޅި ޓީމަށް ލިބުނު އިތުބާރެއް ކަމަށެވެ.

ނިޒާމް ބުނީ އޭއެފްސީ ކަޕަށް ތައްޔާރުވާން ފެށި ޕްރެކްޓިސް ހުއްޓާލި ހިސާބުން ކުޅުންތެރިން ފިޓްނަސް ހިފެހެއްޓުމަށް ޕްރޮގްރާމްތަކެއް ހަވާލު ކުރި ކަމަށެވެ. "އަލުން ހުއްދަ ލިބިގެން ޕްރެކްޓިސް ފެށީ ކުޅުންތެރިންގެ ފިޓްނަސް ޓެސްޓް ކުރުމަށް ފަހު،" ނިޒާމް ބުންޏެވެ. "ވަރަށް ހިތްހަމަޖެހޭ ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންވެސް ވަނީ ދިން ޕްލޭނާ އެއްގޮތަށް ފިޓްނަސް މެއިންޓެއިން ކުރުމަށް މަސައްކަތް ކޮށްފަ."

ޓީސީއަށް 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކޮށްދިން ކޯޗް، ދިވެހި ކުލަބަކާއެކު އަލުން މަސައްކަތަށް ނުކުންނަނީ ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އޭރު ޓީސީއަށް ލީގް ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އެ ޓީމުން ވަކިވެ އެހެން ޓީމަކާ ހަވާލު ނުވެ ހަ މަސް ދުވަހުގެ ބުރޭކެއް ނިޒާމް ނެގި އެވެ. އެ މުއްދަތުގައި ބަންގުލަދޭޝްގައި ބޭއްވި އޭއެފްސީ އޭ ލައިސެންސް ކޯސް އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ. އެއަށް ފަހު އެފްއޭއެމުން އޭނާ ހުށަހެޅީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމެވެ. އެ ޓީމާއެކު ހަތަރު މަސް މަސައްކަތް ކުރި އެވެ. ބަނގުލަދޭޝްގައި ބޭއްވި ޔޫއެފާ އެސިސްޓް މުބާރާތުގައި ނިޒާމްގެ ކޯޗް ކަމުގެ ދަށުން އެ ޓީމުން ވާދަ ކުރި އެވެ. ބަނގުލަދޭޝްގެ ޕްރިމިއާ ލީގް ކުލަބު ސައިފް ސްޕޯޓިން ކުލަބުން ލިބުނު ފުރުސަތުގައި ނިޒާމް ވަނީ އެ ޓީމާއެކު މަސައްކަތް ކޮށްފަ އެވެ.

އެނބުރި ރާއްޖޭގެ ލީގަށް އަންނައިރު މިދިޔަ ދެ އަހަރު ކުރެވުނު ތަޖުރިބާތަކުން ގިނަ ކަންކަމެއް ދަސްވެފައި ވުމަކީ ނިޒާމަށް ލިބުނު ހިތްހަމަޖެހުމެކެވެ.

"އެއީކީ ފުޓްބޯޅަ ކޯޗިންއިން ނެގި ބުރޭކެއް ނޫން، އެހެންނަމަވެސް ދިވެހި ކުލަބެއްގައި މަސައްކަތް ކުރުމަށް ނެގި ބުރޭކެއް،" ނިޒާމް ވާހަކަ ދެއްކި އެވެ. "އެ ބުރޭކަށް ފަހު އެނބުރި އައީމަ ކުރީގައި އެހުރި ސްޓްރެންތާއި ގެއިން ކުރެވުނު ނޮލެޖާއި ބޭރު ގައުމެއްގައި މަސައްކަތް ކުރީމަ އެ ދަސްވި އެއްޗިއްސާއެކު ތަފާތުކޮށް މަސައްކަތް ކުރެވޭކަމަށް ގަބޫލު ކުރަނީ."

"އަނެއް ކޮޅުން މިދިޔަ ލޮކްޑައުން ތެރޭގައިވެސް އޮންލައިންކޮށް ޝޯޓް ކޯސްތަކެއް ހަދާފަ އަނެއްކާވެސް އަޕްޑޭޓްވެ ރިފްރެޝް ވެގެން މަސައްކަތަށް މި ނުކުތީ."

މާޒިޔާގެ ކޯޗް ކަމާ ހަވާލުވި ދުވަހު ނިޒާމް ބުނީ އޭނާގެ އަމާޒަކީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމާއެކު އޭއެފްސީ ކަޕްގައި ރާއްޖޭގެ ކުލަބެއް މިހާތަނަށް ނުދާ ހިސާބަށް މާޒިޔާ ގެންގޮސް ދިނުން ކަމަށެވެ. އަދިވެސް ހުރީ އެ އަޒުމުގައިތޯ ސުވާލު ކުރުމުން ނިޒާމް ބުނީ ކިތަންމެ ކުޑަ ޓީމަކާއެކު ކޮންމެ ކުޅުންތެރިންތަކަކާއެކު މަސައްކަތް ކުރި ނަމަވެސް އަބަދުވެސް ނުކުންނަނީ ކުރިމަތިލާ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ކަމަށެވެ.

"ހާއްސަކޮށް މާޒިޔާއަކީ ބޮޑު ޓީމެއް، ތަށި ނޫން އެއްޗެއް މާޒިޔާ ބޭނުމެއް ނުވާނެ،" ނިޒާމް ފާހަގަ ކުރި އެވެ. "މާޒިޔާގައި މިއޮތް ސްކޮޑާއެކު އެކަމަށް ކުރާ މަސައްކަތް އިތުރުވެސް ވާނެ."