ހަބަރު

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާ އިސްލާހު ބަލައިގެންފި

Oct 13, 2020
1

ނުހައްގު މުއްސަނދިކަން ހޯދުމުގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހު ބަލައިގަންނަން ފާސްވީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހު ބަލައިގަތުމާއެކު، ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އިސްލާހުގައިވާ ވަނީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.

އަދި ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެއްކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި އިތުރަށް ވަނީ އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށްވެސް ކަނޑައަޅައިފަ އެވެ.

އެގޮތުން، އެ ކުށެއްގެ އަދަބުގެ ކުޑަ ބޮޑުމިން ވެސް ވަނީ މަގާމުގެ ދަރަޖައިގެ ގޮތުން ކަނޑައަޅައިފަ އެވެ. ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސް ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ މަގާމެއްގައި ހުރި ފަރާތަކަށް އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 15 އަހަރު ޖަލު ހުކުމެއް ހިމަނާފައިވާއިރު، އެންމެ އަސާސީ މިންގަނޑުން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން، ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުންވެސް ކުށެއްގެ ގޮތުގައި ހިމަނަން ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފެއް ކަމުގައިވެ ހުރެ އެނގިހުރެ އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ހޯދުމަށް އެދުމާއި ގަބޫލުކުރުމަށް އެއްބަސްވުމާއި ގަބޫލު ކުރުމަކީވެސް ކުށެކެވެ.