ބޭރު ކުޅިވަރު

މޮރީނިއޯ ސަސްޕެންޑްކޮށްފި

ސްޓޭޑިއަމަށް ނުދެވޭ ގޮތަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ސަސްޕެންޑްކޮށް، 50000 ޕައުންޑުން އޭނާ ޖޫރިމަނާކޮށްފި އެވެ.

މޮރީނިއޯ އަށް މި އަދަބު ދިނީ އިނގިރޭސި ލީގުގައި ސައުތެމްޓަނުން އަތުން 3-1އިން ޗެލްސީ ބަލިވި މެޗުގައި ރެފްރީ އަށް ފާޑުކިއުމުންނެވެ. އޭނާ ބުނީ މެޗުގައި ޗެލްސީ އަށް ލިބެންޖެހޭ ޕެނަލްޓީ އެއް ދޭން ރެފްރީ ޖެހިލުންވި ކަމަށެވެ. އެއީ ފަހުން އަތުވެދާނެ ފާޑުކިއުމަކުން ސަލާމަތްވުމަށްޓަކައި ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އިނގިރޭސި އެފްއޭއިން ބުނީ މިއީ މެޗު އޮފިޝަލުންނަށް ނުފޫޒު ފޯރުވަން ދެއްކި ވާހަކައެއް ކަމަށެވެ.

ދޭތެރެދޭތެރެއިން ސަސްޕެންޝަންތަކާއި ޖޫރިމަނާތަކާ ކުރިމަލާންޖެހިފައިވާ މޮރީނިއޯ އަދި ބުނީ އެފްއޭއިން ބޭނުންވެއްޖެނަމަ އަބަދުވެސް އޭނާ ސަސްޕެންޑްކުރާ ކަމަށާއި ނަމަވެސް އެހެން ޓީމުތަކުގެ ކޯޗުން ސަސްޕެންޑްނުކުރާ ކަމަށެވެ. އޭނާ އިޝާރާތްކުރީ އާސެނަލްގެ ކޯޗު އާސެން ވެންގާ އަށެވެ.

ޗެލްސީ މިވަގުތު އޮތީ ލީގުގެ ތާވަލުގެ 16 ވަނާގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމު މިހާ ފަހަތަށް ވެއްޓިފައިވާއިރު ކުލަބުގެ މެނޭޖްމަންޓުން ވަނީ އޭނާ އަށް އިތުބާރުއޮތްކަމަށް ވެސް ބުނެފަ އެވެ.