ޖުވެނައިލް ކޯޓް

ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދަނީ

ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ޖިންސުގެ ފަނޑިޔާރުން ޖުވެނައިލް ކޯޓަށް އައްޔަނުކުރުމަށްޓަކައި ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ ކޯޓްގެ ފަނޑިޔާރަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯން އެލަވަންސް ވެސް ލިބިވަޑައިގަންނަވާނެއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި އެ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކާއި ތައުލީމް އަދި ތަޖުރިބާގެ މައުލޫމާތުވެސް ޖޭއެސްސީގެ އިއުލާނުގައިވެއެވެ. ސުންގަޑި އަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:30 އެވެ.