ކެބިނެޓް

ރާއްޖޭގައި ކޮންމެ އަހަރަކު ތަފާސްހިސާބުގެ ދުވަސް ފާހަގަކުރަނީ

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ގައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

މިގޮތަށް ކަނޑައެޅުއްވީ ގައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަހަކީ ފަސް އަހަރަކުން އެއް އަހަރު ބައިނަލްއަގްވާމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުން ގެންދާ ދުވަހެކެވެ. ދވެހި ސަރުކާރުން ބުނީ ރާއްޖޭގައި އެ ދުވަސް ކޮންމެ އަހަރު ފާހަގަ ކުރަން ނިންމީ ދިވެހިރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވާ، ތަރައްގީ ކުރުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ފާހަގަކޮށް ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކާ އާންމު ހޭލުންތެރިކަން އިތުރުކޮށް ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމުގައި ގައުމުތަކުގެ ސަރުކާރާއި ދައުލަތުގެ ރަސްމީ ތަފާސްހިސާބު ނަގާބަލަހައްޓާ ހުރިހާ މުވައްސަސާތަކާއި ބައިނަލް އަގްވާމީ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިޔާ އަދި ރިސާޗަރުން ވެސް ބައިވެރިވެ، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ތަފާސްހިސާބުގެ ބޭނުންތެރިކަން ހާމަކޮށްދިނުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ގައުމުތަކުގެ އެންމެ އިސްވެރިންނަށް ވަނީ ގޮވާލައްވާފައެވެ.