ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދުރުން އަންނަ ޓޫރިސްޓުން އިތުރުވާނެ ބަދަލެއް

Oct 14, 2020

ރާއްޖެ އަންނަ ޓޫރިސްޓުން ހަދަން ޖެހޭ ކޮވިޑް-19 އިގެ ނެގެޓިވް ރިޒަލްޓަށް 96 ގަޑިިއިރު ލިބުމަކީ ދުރު ގައުމުތަކުން ރާއްޖެ އަންނަން ތިބި، ޓޫރިސްޓުން އިތުރުވާން އެހީ އަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ގެނެސްފައިވާ ބަދަލާއެކު، ކުރިން ރާއްޖެ އައުމުގެ 72 ގަޑިއިރު ކުރިން ހައްދަން ޖެހޭ ކޮވިޑް-19 ގެ ނެގެޓިވް ރިޒަލްޓަށް 96 ގަޑިއިރު ނުވަތަ ހަތަރު ދުވަސް ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވި ގޮތުގައި އެޗްޕީއާއެކު މަޝްވަރާކޮށްގެން ގެނައި މި ބަދަލުގެ ސަބަބުން ދުރުން އަންނަ ޓޫރިސްޓުންނަށް އިތުރު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށެވެ.

"ރާއްޖޭގެ މުހިންމު މާކެޓުތަކަށް މީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ. މިހާތަނަށް 72 ގަޑިއިރު ލިބޭތީ ވަރަށް ގިނަ ދަތި ތަކެއް ކުރިމަތިވޭ.ހާއްސަކޮށް ޓްރާންސިޓްކޮށްފަ އަންނަ ޓޫރިސްޓުން ކުރިން ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވޭ. އެމީހުން ރާއްޖެއާ ހިސާބަށް ފޯރާއިރު އޮންނަނީ 72 ގަޑިއިރު ހަމަވެފަ،" ފަރުހާދު ވިދާޅުވި އެވެ. "އެކަމަކު މި ބަދަލުގެ ސަބަބުން އެމެރިކާ އާއި ކެނެޑާ ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ."

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަން ވެސް ވަނީ މި ބަދަލަކީ ދުރުން އަންނަން ޓޫރިސްޓުންނަށް ވަރަށް ޕޮޒިޓިވް ނިއުސްއެއްގެ ގޮތުގައި ބުނެފަ އެވެ. އަދި މި ބަދަލާއެކު ދުނިޔޭގެ މަޝްހޫރު ބުކިން ސައިޓު ތަކަށް ކޮމެންޓްކޮށްފައިވާ އެކި މީހުން ވެސް ވަނީ މިއީ ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މީގެ ސަބަބުން ރާއްޖެ ދާން އިތުރަށް ފަސޭހައެއް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން ދަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ބައެއް ގައުމުތަކުން ބޭރަށް ދަތުރު ކުރާ މީހުންނަށް މި ހާލަތުގައި ޓްރެވަލް އިންޝުއަރެންސް ކަވަރު ނުކުރާތީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ވަނީ ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއްވެސް ނެރެފަ އެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި ރިސޯޓު ތަކުން ޑިސްކައުންޓްތައް ލިބޭ ގޮތަށް "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ނަމުގައި ޕްރޮގްރާމެއް ވެސް ވަނީ ފަށާފަ އެވެ.

ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާފައިވަނީ ޖުލައި 15 ގަ އެވެ. ބޯޑަރު ހުޅުވަމުން ސަރުކާރުން ބުނީ ރާއްޖެ އަންނާނީ 800،000 ޓޫރިސްޓުން ކަމަށެވެ. ނަމަވެސް މިހާރު ބުނެފައިވަނީ މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. މިހާތަނަށް ރާއްޖެ އައިސްފައިވަނީ 22،000 ޓޫރިސްޓުންނެވެ.