ކަނޑިންމަ މޯލްޑިވްސްގެ މުވައްޒަފަކު ބަލިވެ އުޅޭތާ ގިނަ ދުވަސް ތަކެއް ވުމަށްފަހު، މަރުވި މައްސަލާގައި ޓުއަރިޒަމް މިނިސްޓްރީން އެ ރިސޯޓަށް ދީފައިވާ ރިސޯޓު ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފައިވާއިރު މުވައްޒަފު މަރުވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލު އޮތް ކަމަށް ބުނެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. އަދި އެޗްއާރްސީއެމުން އެ މައްސަލަ ބަލަމުން ދަނިކޮށެވެ.
ގިނަ ދުވަސް ތަކެއް ވަންދެނެން ބަލިވެ ޑޮކްޓަރަށް ދެއްކުމަށް މާލެ ނުވަތަ އަމިއްލަ ރަށަށް ފޮނުވައިދިނުމަށް ކަނޑިންމައިގެ އިސްވެރިން ކައިރީގައި އެ މުވައްޒަފު އާދޭސް ކުރި ކަމަށާއި އެކަމަކު އެ މުވައްޒަފަށް ފަރުވާ ދީފައިނުވާ ކަމަށް އޭނާ އާއެކު މައްސަކަތް ކުރި އެހެން މުވައްޒަފުން ވަނީ ބުނެފަ އެވެ.
އެ މީހާ މަރުވެފައިވަނީ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދިޔަތާ މާ ގިނަ އިރު ތަކެއް ނުވެ އެވެ. އޭނާގެ ހަށިގަނޑުން ކޮވިޑް-19 ގެ އަލާމާތްތަށް ފެނުމުން ހެދި ޓެސްޓު ތަކުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެއީ ކޮވިޑް މަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
މި ކޭސް އާއި ގުޅިގެން ކަނޑިންމަ ރިސޯޓުން ވަނީ ގިނަ އަދަދެއް ސާމްޕަލް ނަގާ ހާއްސަ ތަހުގީގެއް ވެސް ފަށާފަ އެވެ. މިހާތަނަށް މި ބައްޔަށް އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފަތުރުވެރިން ހިމެނޭ ގޮތަށް، 60 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.