ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޯލްގެ އެންމެ ފަހު ސީޒަންގެ ހޯސްޓް އަދިތުޔާ ނާރަޔަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޝްވޭތާ އަގަރްވާލް ކައިވެނި ކުރަން އުޅޭކަން ރަސްމީކޮށް ބުނެފި އެވެ. އެމީހުންގެ ކައިވެނި މިއަހަރު ނިމުމުގެ ކުރިން ބޭއްވުމުގެ އިންތިޒާމްތައް މިހާރު ވަނީ ކުރަން ފަށާފަ އެވެ.
ޝްވޭތާ އަކީ އެކްޓަރެއްގެ ގޮތުގައި އަދިތުޔާ ކުޅުނު ފުރަތަމަ ފިލްމު "ޝާޕިތު"ގެ ބަތަލާ އެވެ. މި ފިލްމު ރިލިޒްކުރީ 2010 ގައެވެ. އަދި އޭރުއްސުރެ މި ދެ އެކްޓަރުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.
އަދިތުޔާ ބުނި ގޮތުގައި އެއް އިރެއްގައި އޭނާ ޝްވޭތާ އާ ރައްޓެހިވެގެން އުޅޭކަން ސިއްރުކުރާކަށް ނޫޅެ އެވެ. ނަމަވެސް އެ މީހުންނޭ ކިޔައިގެން މާ ގިނަގިނައިން ނޫސްތަކުގައި ފާޑުފާޑުގެ ތޯތޯ ވާހަކަތައް ލިޔަން ފެށުމުން އެ ކަމާ ގުޅޭ ވާހަކަތައް އިތުރަށް ދެއްކުން ހުއްޓާލީ އެވެ.
"އަހަންނާ ޝްވޭތާ އާ ބައްދަލުވީ 'ޝާޕިތު'ގެ ސެޓުން. ފުރަތަމަ ދުވަހުއްސުރެ ދެ މީހުންނަށް އެކަކު އަނެކަކާ ވަރަށް ގަޔާ ވެވުނު. އަދި ޝްވޭތާ ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެކަން އަހަންނަށް މަޑުމަޑުން އިހްސާސްވާން ފެށި. އެންމެ ކުރިން ޝްވޭތާ ބޭނުންވީ އަހަރެމެން ދެ މީހުން ހަމައެކަނި ބެސްޓް ފްރެންޑުންގެ ގޮތުގައި ތިބެން. ސަބަބަކީ އޭރު އަހަރެމެން އުމުރުން ވަރަށް ހަގުވެފައި ކެރިއަރަށް ފޯކަސް ކުރަން ބޭނުންވާތީ. ކޮންމެ ދެ ލޯބިވެރިއެއްގެ މެދުގައި ވެސް މައްސަލަތައް ޖެހޭނެ. އެގޮތަށް އަހަރެމެންގެ މި ގުޅުމުގައި ވޭތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް މިފަދަ ވަރަށް ގިނަ ކަންތައްތަކާ ވަނީ ކުރިމަތިވެފައި. ނަމަވެސް އެ ހުރިހާ ކަމެއް ގިރާކޮށް މިހިސާބަށް އާދެވުނުއިރު ކައިވެންޏަކީ ހަމައެކަނި މި ގުޅުން ރަސްމީކޮށްލަން ކުރާކަމެއް. އަހަރެމެން އުންމީދުކުރަނީ ނޮވެމްބަރު ނޫނީ ޑިސެމްބަރުގައި ކައިވެނި ކުރެވޭނެ ކަމަށް. އަހަރެންގެ މައިންބަފައިންނަށް ޝްވޭތާ ވަރަށް ރަނގަޅަށް އެނގޭ. އަދި އެމީހުން ވަރަށް ލޯބިވޭ އޭނަ ދެކެ. އަހަރެން ވަރަށް އުފާވޭ އަހަރެންގެ ސޯލްމޭޓް ލިބުނީމަ،" އަދިތުޔާ ބުންޏެވެ.
އަދިތުޔާ އަކީ ލަވަކިޔުމާއި އެކްޓްކުރުން އަދި ޝޯތައް ހޯސްޓްކުރާ ފަންނާނަކަށް ވާއިރު ޝްވޭތާ އަކީ ސައުތު އިންޑީއާ ފިލްމުތަކުން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރެކެވެ. ޕްރަބާސް އާއި ކިއްޗާ ސުދީޕް ފަދަ އެކްޓަރުންނާއެކު ޝްވޭތާ ފިލްމުކުޅެފައި ވެއެވެ.
ސޮނީގެ ސިގިން ރިއަލިޓީ ޝޯ "އިންޑީއަން އައިޑަލް"ގެ އެންމެ ފަހު ސީޒަންގައި އަދިތުޔާ އާއި އެ ޝޯގެ އެއް ޖަޖް އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަރަށް މައްޗަށް ދިޔަ އެވެ. ނަމަވެސް މި ޝޯ ޕްރޮމޯޓްކުރަން ކުރި ކަމެއްކަން އެންމެންނަށް ރޭކާލީ މާ ފަހުންނެވެ.
ނެހާ ވެސް ވަނީ އޭނާ މިހާރު ރައްޓެހިވެގެން އުޅޭ ޕަންޖާބު ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގް އާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ބުނެފަ އެވެ.
އަދިތުޔާ އަކީ ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަންގެ ހުރި ހަމައެކަނި ދަރިފުޅެވެ.