ރާއްޖެ ކުޅިވަރު

ރާއްޖޭގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕް: ގައުމީ ކޯޗު

ގައުމީ ފުޓްބޯޅަ ޓީމުގެ އަމާޒަކީ އަންނަ ޑިސެމްބަރު މަހު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

ގަތަރު އަތުން ރާއްޖެ ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ސާފް ޗެމްޕިއަންޝިޕާ ހަމައަށް ދިއުމުގެ ކުރިން ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އެންމެ މުހިންމު އެއް ކަމަކީ ފިޓްނަސް ރަނގަޅު ކުރުން ކަމަށެވެ.

"އަހަރުމެންގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕް. އެ މުބާރާތަށްވާންވާއިރަށް ބަދަލުތަކެއް ގެންނާނަން. ފިޓްނަސް ރަނގަޅު ކުރަން އެބަޖެހޭ،" ކޯޗު ބުންޏެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނިއުޒީލޭންޑަށް ކޯޗުކޮށްދިން ހާބަޓް ބުނީ ދިވެހި ކުޅުންތެރިންގެ ކިބާގައި 90 މިނިޓް އެއްފެންވަރެއްގައި ކުޅޭހާ ފެންވަރުނެތް ކަމަށެވެ.

"އެނގޭތަ. 90 މިނިޓް އެއްފެންވަރެއްގައި ކުޅެވޭ ފިޓްނަސް ނެތް ކަމަށްވަނީ ވިއްޔާ އިންޓަނޭޝަނަލް މެޗުތަކުގައި ކުޅުމަކީ ފަސޭހަކަމެއްނޫން. އަހަރެން މިހާރު މަސައްކަތް ކުރަމުންދަނީ އެކަމަށް. ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޓީމުން ތަފާތު ފެނިގެންދާނެ،" މިދިޔަ މަހު ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ރޭ ބަލިވިއިރު މިދިޔަ ބުދަ ދުވަހު ބޫޓާން އަތުން ބަލިވިއިރު ވެސް މެޗުގެ ފަހު 15 މިނިޓްގައި ފެނުނީ ކުޅުންތެރިންގެ ބުންވަރުގެ މައްސަލަ އެވެ. ބޫޓާންކޮޅަށް ހަތަރު ލަނޑުޖަހާފައިވަނިކޮށް އެ ގައުމުން ރާއްޖެ ކޮޅަށް ތިން ލަނޑު ޖެހީ އެންމެ އަށް މިނިޓް ތެރޭގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ފަސް މެޗު ކުޅުނުއިރު އޮތީ ގްރޫޕުގެ ފަހަތުން ދެ ވަނާގަ އެވެ.