ހަބަރު

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރާ އިސްލާހު އެޖެންޑާކޮށްފި

Oct 14, 2020

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ބަދަލުކުރަން ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވާފައިވާ އިސްލާހު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެ އިސްލާހުގެ ފުރަތަމަ ކިއުން އިއްވުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެ ބިލުގައި ތޯރިގު ވަނީ ގާނޫނު އަސާސީގެ 158 އާއި، 161 އާއި 162 އަދި 165 މާއްދާ އިސްލާހު ކުރަން ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، 158 ވަނަ މާއްދާގެ ދަށުން، ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތޯރިގު ވަނީ އެ މާއްދާ އިސްލާހުކޮށް، ޖޭއެސްސީގައި އަށް މެންބަރުން ތިބޭ ގޮތަށް ހުށަހަޅުއްވައިފަ އެވެ.

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ނަމަވެސް، ތޯރިގު ވަނީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭގޮތަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ ބަދަލުގައި އޭނާ ހުށަހަޅުއްވާފައިވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ހިމެނުމަށެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.