ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ އޭސީސީއިން މިނިސްޓަރު އަމީންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި އެ މައްސަލާގައި ވަކި ގޮތެއް ނިންމަވާފައި ނުވާނެ ކަމަށެވެ.
"އޭސީސީން މި އޮފީހަށް އެބައޮތް އެ މައްސަލަ ފޮނުވާފައި މިނިސްޓަރު އަމީނަށް ދައުވާކޮށްދޭން އެދި، އެކަމަކު މި އޮފީހުން އަދި އެކަމަށް ވަކި ގޮތެއް ނިންމާފައެއް ނުވޭ. ވަކި ގޮތެއް ނިންމައިފިއްޔާ އަޅުގަނޑު އަންގާނަން،" ޕީޖީ ޝަމީމް މިއަދު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ކޮވިޑް-19 އިގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެ ރިޕޯޓްގައި މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަމަށް ފާހަގަކޮށްފައ ވެއެވެ.
އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ތިން ކުންފުންޏަކާ ހަވާލު ކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.
ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާނެ ކަމަށް މީގެ ކުރިން އޭސީސީން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ދިޔައީ ތަހުގީގު ކުރަމުންނެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަގާއި އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން މިހާރު ދެ މަހެއްހާ ދުވަސްވެފައިވާއިރު، ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވަނީ ކުރިން ވިދާޅުވެފަ އެވެ.