އިންގްލެންޑްގެ ޑިފެންޑަރު ޓްރިޕިއާ ގުޅޭ ބެޓިން މައްސަލައެއް އިނގިރޭސި އެފްއޭއިން ބަލުމުން ދާތީ ގައުމީ ސްކޮޑުން އޭނާ ވަކި ވެއްޖެ އެވެ.
ޔޫއެފާ ނޭޝަން ލީގްގައި މިރޭ ޑެންމާކާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ކުރިމަތީގައި އޮއްވައި އޭނާ ސްކޮޑުން ވަކިވީ، އިނގިރޭސި އެފްއޭއިން ބަލަމުންދާ މައްސަލައަށް ހާޒިރު ވުމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ މިދިޔަ އަހަރު ޖުލައި މަހު ޓޮޓެންހަމް ހޮޓްސްޕާސްއިން އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފާއަށް ބެޓް ކުރި ފަރާތްތަކަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. އިނގިރޭސި ވިލާތުގައި ބެޓިން ކުރުމަކީ ހުއްދަ ކަމެކެވެ.
ޓްރިޕިއާގެ ޓްރާންސްފާ އަށް ބެޓް ކުރި ފަރާތަކުން ބެޓް ކޮށްފައި ވަނީ 20 މިލިއަން ޕައުންޑަށް އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވާނެ ކަމަށެވެ. އެ ބެޓާ އެއްގޮތަށް އޭނާގެ ޓްރާންސްފާ ހަމަޖެހިގެން ދިއުމުން އިނގިރޭސި އެފްއޭއިން ތުހުމަތު ކުރަނީ ބެޓް ކުރި ފަރާތްތަކަށް ޓްރްޕިއާ އެހީވެދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ދެގު ކުރެ އެވެ. އޭނާ ބުނީ އޭނާގެ ޓްރާންސްފާއަށް އެހެން ފަރާތަކުން ކުރި ބެޓަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށް ދީފައި ނުވާ ކަމަށެވެ.
ބަލަމުންދާ މައްސަލަ ސާބިތު ވެއްޖެނަމަ ހަ މަހަށް އޭނާ ސަސްޕެންޑް ކުރާނެ އެވެ. އިނގިރޭސި ގައުމީ ޓީމު ޓްރިޕިއާ ދޫކޮށްލުމުގެ އިހްތިޔާރު ދިނީ އޭނާ އެކަމަށް އެދުމުންނެވެ. ސްކޮޑު ދޫކޮށްލަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ހިމަނާފައި ވަނީ އަމިއްލަ ކަމެއް ދިމާވެގެން ކަމަށެވެ.
ޓްރާންސްފާ ބެޓިން އަށް އެހީތެރި ވުމަކީ ދޭތެރެ ދޭތެރެއިން ކުޅުންތެރިން ކުރާ ކަމެކެވެ. އެކަން ކުރަނީ ބެޓް ދިމާވާ ފަރާތަށް ލިބޭ ފައިސާގެ ތެރެއިން ބައެއް ކުޅުންތެރިޔާއަށް ދޭން ހުށަހަޅާތީ އެވެ.
މިފަދަ މައްސަލައެއްގައި މިގެ ކުރިން އަދަބު ލިބިފައިވާ ކުޅުންތެރިޔަކީ ލިވަޕޫލްގެ ކުރީގެ ފޯވަޑް ޑެނިއަލް ސްޓަރިޖް އެވެ. ލިވަޕޫލް ދޫކޯށް، 2018 ވަނަ އަހަރު އޭނާ ސެވިއްޔާ އަށް ބަދަލުވިއިރު އެ ޓްރާންސްފާ އަށް ބެޓް ކުރި އޭނާގެ ބޭބެއަށް އެތެރޭގެ މައުލޫމާތު ފޯރުކޮށްދިކަން އޭނާ މައްޗަށް ސާބިތު ވި އެވެ. ހަތަރު މަހަށް އޭނާ ސަސްޕެންޑް ކުރި އެވެ.