ރާއްޖެ ކުޅިވަރު

ހޮނިހިރު ދުވަހު ލީގު އަލުން ފަށައިދޭނީ ވެލެންސިއާ - މަހިބަދޫ

ވެލެންސިއާ އާއި މަހިބަދޫ އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުން ދިވެހި ޕްރެމިއާ ލީގު އަލުން ފަށަން ނިންމައިފި އެވެ.

އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގައިވާ މަހިބަދޫ އާއި ތިން ޕޮއިންޓާއެކު ފަހަތުން ދެ ވަނާގައި އޮތް ވެލެންސިއާ ބައްދަލުކުރާ މި މެޗަކީ ފޯރިގަދަ މެޗަކަށްވާނެ އެވެ. އެއީ ލީގު ނިމޭއިރު އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާނެތީ އެވެ.

އެފްއޭއެމުން ލީގު މެދުކަނޑާލީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ އިތުރަށް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ގައުމީ ޓީމު ފުރަން ޖެހުމުންނެވެ.

މިނިވަން50ގެ ކުޅިވަރުތަކަށް ދަނޑު ބޭނުންކުރުމުން ވިނަގަނޑު ހަލާކުވުމުން އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަނަށް ބަދަލުތަކެއް ގެނެސް މިދިޔަ ދެ މަހާއި ބައިގެ ތެރޭގައި އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ޕްރެޒިޑެންޓްސް ކަޕް ކުޅެފަ އެވެ.

ލީގު އަލުން ފަށާއިރު މިއީ ސީޒަނުގެ ފަހު މުބާރާތެވެ. އެއީ މި އަހަރުގެ އެފްއޭކަޕް ނުބާއްވަން ނިންމުމުންނެވެ. އަދި ޑިސެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވާން ޖެހޭތީވެ އަވަހަށް ލީގު ނިންމުމަށް މެޗުތައް ހަވީރާއި ރޭގަނޑު ވެސް ކުޅޭނެ އެވެ.

ލީގު އުސޫލުން ދެ ބުރު ކުޅޭ ލީގުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮއްވައި ލީގު މެދުކަނޑާލިއިރު އެއްވަނާގައި އޮތީ ނިއު ރޭޑިއަންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް 14 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވާ ލިބިފައިވަނީ 12 ޕޮއިންޓެވެ. މި ދެ ޓީމު އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރާނެ އެވެ. ޓޭބަލުގެ ތިން ވަނާގައިވަނީ 11 ޕޮއިންޓާއެކު ޓީސީ އެވެ. އެ ޓީމު ހޮނިހިރު ދުވަހުގެ ރޭ ވާދަކުރާނީ އަށް ޕޮއިންޓާއެކު ފަސް ވަނާގައި އޮތް ބީޖީއާ އެވެ. 10 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރު ވަނާގައި އޮތް އީގަލްސް އާދިއްތަ ދުވަހު ހަވީރު ބައްދަލުކުރާނީ ހަ ޕޮއިންޓާއެކު ހަ ވަނާގައި އޮތް ވިކްޓަރީއާ އެވެ.