ހަބަރު

ދެ ގޮތަށް އަމަލު ކުރާތީ ފަނޑިޔާރުން ހިތްހަމަނުޖެހިއްޖެ

ރިޔާސީ ލޯންޗު ފިނިފެންމާ ގޮއްވާލި މައްސަލާގައި ހެކި ނައްތާލި ކަމަށް ބުނެ ދައުވާ އުފުލާފައިވާ ތިން މީހުންނާއި ގުޅުންހުރި ހެކި ނެތި ތަފާތުކޮށް އަމަލު ކުރަމުންދާތީ ފަނޑިޔާރުން ހިތްހަމަ ނުޖެހިއްޖެ އެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލީ 2015 ވަނަ އަހަރު އެވެ. މި މައްސަލައާއި ގުޅުންހުރި ހެކިތައް ގަވާއިދާއި ހިލާފަށް ނައްތާލި ކަމަށްބުނެ ސިފައިންގެ މާލެ އޭރިއާގެ ކޮމާންޑަރު އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މި ކުށް ސާބިތުވެ ޕާޕާ އަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު ތިހާމާއި ޒަމީރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ހައިކޯޓުން ވަނީ ޕާޕާ އާއި ޒަމީރުގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށް ތިހާމްގެ މައްޗަށް ކުރި ހުކުމް ދަމަހައްޓާފަ އެވެ.

ތިހާމްގެ މައްޗަށް ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ނިންމުމުން އޭނާ ވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތާމެދު ހިތްހަމަ ނުޖެހިވަޑައިގެން ވަރަށް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެގޮތުން އެއް ހެކިތަކެއްގެ މައްޗަށް ދައުވާ ކުރި ތިން މީހުންނާއި މެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަނީ ކީއްވެގެންތޯ އާއި އެއީ ކޮން އުސޫލަކުންތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ހެކި ނެތި ދައުލަތުން ސްޓޭންޑާޑް ބަދަލު ކުރަން އުޅޭ ކަމަށްބުނެ ފަނޑިޔާރު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ޕާޕާއާއި ޒަމީރު ކުށްވެރިނުވާ ގޮތަށް ތިހާމްވެސް ކުށްވެރިވެގެން ނުވާނެ ކަމަށެވެ. އަދި ތިހާމް ކުށްވެރިނުވަނީ އެއްހާލަތަެއްގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި އިރު އެއް ހެކިތަކެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކަށްވެފައި އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް ކަމަށެވެ. ނަމަވެސް ދައުލަތުން ދަށު ކޯތުތަކުގައި މީގެ ކުރިން ވަކާލާތު ކޮށްފައިވަނީ މިއާ ހިލާފަށެވެ.

މިއަށް ރައްދު ދެއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ އެމީހުންގެ މައްޗަށް ދައުވާ ކުރީ ތެދު ނިޔަތެއް އޮވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ފިނިފެންމާ ގޮައްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސްގެ މައްޗަށް ދައުވާކޮށް އެ ދައުވާ ސާބިތުނުވީ ހެކި ނެތިގެންތޯ ސުއޫދު ވަނީ ސުވާލު ކުރައްވާފަ އެވެ.

ހެކި ފޮރުވީ ހަގީގަތުގައިވެސް މިމީހުންތޯ ދައުލަތަށް ޔަގީން ކުރެވޭތޯ އާއި ހެކި ފޮރުވީ ކޮންބައެއްތޯ ފަނޑިޔާރު ސުއޫދު ވަނީ ދައުލަތާއި ސުވާލު ކުރައްވާފަ އެވެ. އަދި ވެގެން މިއުޅެނީ ކީއްކަން ދައުލަތަށް އެނގޭތޯ އާއި ހެކި ނެތް ބައެއްގެ މައްޗަށް ދައުވާކޮށް އެ ދައުވާތައް ފޫނުބެދިގެން ކޯޓަށް އައިސް ކިޔަނީ ކޯއްޗެއްތޯވެސް ވަނީ ސުވާލު ކުރައްވާފަ އެވެ.

މީގެ އިތުރަށް ޕާޕާއާއި ޒަމީރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ފަހުން މިމައްސަލައިގައި އިތުރު ތަހުގީގެއް ހިންގި ތޯ ދައުލަތާއި ވަނީ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ދައުލަތުން ބުނީ އިތުރު ތަހުގީގެއް ނުކުރާ ކަމަށެވެ. ދައުލަތުން މިހެން ބުނުމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ މީހެއްގެ މައްޗަށް ދައުވާ ކުރަނީ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ކަމަށެވެ.